ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން ގޮވާލައިފި

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ދެމުން ގެންދާ އިނާޔަތްތައް ކަނޑާލަން އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްިވައިފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އިސްތިސްނާކޮށް ސަރުކާރަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ ދިނުމުގެ މައްސަލާގައި ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ އެއީ ގާތްގަނޑަކަށް ފައިސާ ޗާޕު ކުރުން ކަމަށާއި އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށެވެ.

ނަމަވެސް އިގްތިސޯދު ދަށް ވެފައިވާތީ ދައުލަތް ހިންގުމަށް ޓަކައި އިތުރު ފައިސާ ހޭދަ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ކަން ކުރުމަށް ޓަކައި ދައުލަތުން ކުރާ ބައެއް ހަރަދުތައް އުނި ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އެ ގޮތުން ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލައި ސިޔާސީ ބޭފުޅުންގެ މުސާރަތައް އުނިކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުރިން ރައީސް ކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް ދައުލަތަށް ދެމުން ގެންދާ އިނާޔަތްތައް މިހާރުން މިހާރަށް ކަނޑާލަން ޖެހޭ، މަޖިލިސް މެންބަރުންނާއި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަންވީ، 20،000 އަށް ވުރެ މަތިން މިއިން އެއްވެސް ބޭފުޅެއްގެ މުސާރަ ހުރެގެން ނުވާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލުމާއި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މުސާރަތައް ކުޑަ ކުރުމަށް އިތުރު ވަގުތުތަކެއް ހޭދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެއީ މިހާރުން މިހާރަށް އަޅަން ޖެހިފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެމުން ދަނީ މަހަކު 175،000 ރުފިޔާ އެވެ. އެ ގޮތުން ރައީސް މުހައްމަދު ނަޝީދު އާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މާލީ އިނާޔަތް ލިބިވަޑައިގެންނަވަ އެވެ.

އޭގެ ތެރެއިން މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމައިފަ އެވެ. އެއީ މަޖިލީހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުން އެމަނިކުފާނަށް 73،000 ރުފިޔާ ލިބިވަޑައިިގަންނަވާތީ އެވެ. ނަމަވެސް ކުރީގެ ރައީސްގެ އިނާޔަތުގެ ފައިސާ ނެންގެވުމުގައި އެމަނިކުފާނަށް ވެސް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ.

Message by Ministry Of Health