މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުން އުވާލިފަހުން، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މި ފަހުން އިންތިހާއަށް އިތުރުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.
އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖޭގައި ފެތުރެމުންދާއިރު މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ފެނިގެން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ނަމަވެސް، އޭޕްރީލް 15 އިން ފެށިގެން މާލެއަށް އިއުލާނުކުރި ލޮކްޑައުން ލުއިކުރުމުގެ ކުރިން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ފާޅުގައި ގޮންޖައްސަވާފައި، ޖަލްސާތައް މަޖިލީހުގެ ތަޅުމަށް މެންބަރުން ހާޒިރުވެގެން ކުރިއަށް ގެންދަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަލްސާތައް ބާއްވަމުން ގެންދެވި ނަމަވެސް، މަޖިލީހުގެ ތިން މުވައްޒަފަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
މަޖިލީސް އަލުން އޮންލައިންކޮށް ކުރިއަށް ގެންދަން ގޮވާލާފައިވާއިރު، އިއްޔެ ވެސް ރާއްޖެއިން 215 މީހަކާއެކު، ރިކޯޑް އަދަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެ މުޅި ގައުމު އަނެއްކާވެސް ވަނީ ހާސް ކަމުގެ ތެރެއަށް ގޮސްފައި އެވެ.
މިހާ ގިނަ އަދަދަކަށް ރޭ މީހުން ޕޮޒިޓިވް ވުމުން ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4164 އަށް އުފުލިފަ އެވެ. މި އަދަދު މި އައީ މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ވަރަށް ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައި ވެސް ވަނިކޮށެވެ.
ޝިފާއެއް ނެތް މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 18 މީހަކު މަރުވެފައި ވެއެވެ. އިއްޔެވެސް ކޮވިޑްޖެހުނު މީހަކު މަރުވި އެވެ. މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 13 އެެވެ. ބިދޭސީންގެ ފަސް މީހުނެވެ.