ކޮވިޑް-19 ގެ ސަބަބުން ރައްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހީނަރު ކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި މިހާރުން މިހާރަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކޮށްދެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން މަހަށް ސިއްހީ ހިދުމަތަށާއި އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ މިންވަރު ކަށަވަރު ކުރުމަށް ދައުލަތް ހިންގަން އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި ދައުލަތުގެ މާލިއްޔަތުގެ އެކައުންޓް ކަމުގައިވާ ޕަބްލިކް އެކައުންޓުން އޯވާޑްރޯ ކުރެވޭ ލިމިޓް މަތި ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އަމީރު އެދިވަޑައިގެންނެވި އެވެ.
މި ގޮތުން 4.4 ބިލިއަން ރުފިޔާއާ ހަމައަށް އެއް އަހަރުގެ މުއްދަތަށް ފިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވާޑްރޯ ކުރެވޭ ގޮތަށް ހަމަޖައްސައިދިނުމަށް ފިނޭންސް މިނިސްޓަރު އަމީރު އެދިވަޑައިގެންނެވި އެވެ. އެއީ ދައުލަތުގެ އެވެރެޖް އާމްދަނީގެ 20 ޕަސެންޓް އެވެ.
އޭގެ ސަބަބުން އިގްތިސާދީ ނޭދެވޭ ބަދަލުތައް މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އެއީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި ރާއްޖޭގެ އިގްތިސާދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައި ވުމާއި ބޭރުގެ ދަތުރުފަތުރު މަދުވުމާއި ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ބޭރުގެ ފައިސާގެ ޑިމާންޑަށް މީގެ ސަބަބުން މި ވަގުތު އިތުރުވުމެއް އަންނާނެ ކަމަށް ނުބެލެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އިގްތިސާދީ ހަރަކާތްތައް މި ވަގުތު މަޑުޖެހިފައިވާ ދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރު ކުރުމަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ. ނަމަވެސް މެދު ރާސްތާގައި މި ކާރިސާއިން އަރައިގަތުމަށް ފަހު މި ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ދިގު މުއްދަތުގެ ލޯނު ނެގޭ ގޮތް ހެދުމަށް ޓަކައި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ފިނޭންސް މިނިސްޓްރީން އަމަލު ކުރުން ލާޒިމު މާއްދާތައް އިސްތިސްނާ ކޮށްދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި ވަނީ އެދިފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް އެއިރެއްގެ މާކެޓް އިންޓްރެސްޓް ރޭޓަށް ވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގަ އެވެ. އަދި ކޭޝްފްލޯ މެނޭޖްކުރަން ނަގާ ލޯނެއް ވެސް 14 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އެހެންކަމުން ފިނޭންސް މިނިސްޓްރީން އެދިފައި ވަނީ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގުމުގައި އަމަލު ކުރަން ޖެހޭނެ ކަމަށް ބަޔާން ކުރާ އުސޫލުތައް ހިމެނޭ އެ ގާނޫނުގެ މާއްދާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަމަލުކުރުން އިސްތިސްނާ ކޮށްދިނުމަށެވެ. އޭރުން ދިގު މުއްދަތަކަށް އެމްއެމްއޭއިން ލޯނު ނެގޭނެ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބުނާ ގޮތުން ގުދުރަތީ ކާރިސާއެއް ނުވަތަ ބަލިމަޑުކަމުގެ ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ފިނޭންސް މިނިސްޓްރީން އެ ގާނޫނުގައި އަމަލު ކުރަން ލާޒިމުކުރާ ފިޒިކަލް އުސޫލުތައް ބަޔާން ކުރާ މާއްދާތަކުން އިސްތިސްނާ ވެވޭނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ އިގްތިސާދަށާއި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ ސިނާއަތް ހުއްޓުމާ ގުޅިގެން ސަރުކާރުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދާނެ އެވެ.