ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދައުލަތް ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުން އިސްތިސްނާ ވުމަށް ސަރުކާރުން އެދިފައިވާ ހުއްދައިގެ މައްސަލަ ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 200 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތި ކޮށްދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރު އެދިވަޑައިގެންފައިވާ އިސްތިސްނާގެ ހުއްދައަށް އެދެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރި ނަމަވެސް މިއީ މަޖިލީހުގައި މުޅިން އަލަށް ކުރެވޭ ކަމެއް ކަމަށެވެ.
އެހެންކަމުން މައްސަލައަށް ބަހުސް ކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އެ ފުރުސަތު ދެއްވަން ގަސްތު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރަނގަޅު ބަހުސް ހިންގުމަށް ފަހުގައި އެ މައްސަލަ ދިރާސާ ކުރަން ވާނީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މިއީ މި މަޖިލީހުގައި މުޅިން އަލަށް ކުރަން އުޅޭ މަސައްކަތެއް، ގާނޫނުގައި އެ ބަޔާން ކުރާ ދެ ހާލަތު ވެސް، ގުދުރަތީ އަދި އިގްތިސޯދީ ކާރިސާއެއް ވެސް އޮތް ކަން ޔަގީން، އަޅުގަނޑު ދެކެނީ އިއްޒަތްތެރި މެންބަރުން މި މައްސަލަ ބަހުސް ކުރުމަށް ފަހުގައި މުޅި މަޖިލީހުގެ ކޮމިޓީއަކުން މި ކަން ދިރާސާ ކުރުން،" ނަޝީދު ވިދާާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މެންބަރުން އެ މައްސަލައަށް ބަހުސް ކުރައްވާއިރު ވެސް މަޖިލީހުން މައްސަލަ ގެންދާނެ ގޮތުގެ ހިޔާލުތަކެއް ވެސް ފާޅު ކުރެއްވުމަށެވެ. ނަޝީދު ވިދާޅުވަމުން ގެންދަވާ ގޮތުގައި މިއީ މަޖިލީހުގެ ތާރީހުގައި ހިންގޭނެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ބަހުސެވެ.
މައްސަލައަށް މިހާތަނަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ބޭނުންފުޅު ވަނީ ވީހާވެސް އަވަހަށް ސަރުކާރަށް އެ ހުއްދަ ދިނުމަށެވެ. ދެން ތިއްބެވި ބައެއް މެންބަރުން ހުއްދަ ދޭން ބޭނުންފުޅުވި ނަމަވެސް އޭގެ ކުރިން އެ ފައިސާ ހަރަދު ކުރަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް މަޖިލީހުން ހޯދަން ތާއީދު ކުރައްވައި އެ މެންބަރުން ވާހަކަ ދެއްކެވި އެވެ.