މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރަށް ދިގު މުއްދަތުގެ ލޯނު ނެގޭ ގޮތް ހެދުމަށް ޓަކައި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ފިނޭންސް މިނިސްޓްރީން އަމަލު ކުރުން ލާޒިމު މާއްދާތައް އިސްތިސްނާ ކޮށްދިނުމަށް އެދި އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބުނާ ގޮތުން ގުދުރަތީ ކާރިސާއެއް ނުވަތަ ބަލިމަޑުކަމުގެ ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ފިނޭންސް މިނިސްޓްރީން އެ ގާނޫނުގައި އަމަލު ކުރަން ލާޒިމުކުރާ ފިޒިކަލް އުސޫލުތައް ބަޔާން ކުރާ މާއްދާތަކުން އިސްތިސްނާ ވެވޭނެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި އެ ގާނޫނުގައި އަމަލު ކުރުން ލާޒިމު ކުރާ ބައެއް ފިޒިކަލް ހަމަތަކާ އެއް ގޮތަށް އަމަލު ކުރުމަކީ މާލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރަން އުޅެފިނަމަ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް އެއިރެއްގެ މާކެޓް އިންޓްރެސްޓް ރޭޓަށް ވުރެ ދަށް ނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގަ އެވެ. އަދި ކޭޝްފްލޯ މެނޭޖްކުރަން ނަގާ ލޯނެއް ވެސް 14 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
އެހެންކަމުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގުމުގައި އަމަލު ކުރަން ޖެހޭނެ ކަމަށް ބަޔާން ކުރާ އުސޫލުތައް ހިމެނޭ އެ ގާނޫނުގެ މާއްދާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށްއަމަލުކުރުން އިސްތިސްނާ ކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވީ ފިނޭންސް މިނިސްޓަރު ފޮނުއްވި އެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށެވެ.
އެމްއެމްއޭއިން ދިގު މުއްދަތަކަށް ސަރުކާރަށް ލޯނު ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައިވާ އެ މާއްދާ އިސްތިސްނާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ސިޓީއެއް ފޮނުވިއިރު، ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިގްތިސާދީ ހާލަތުން އަރައިގަންނަން ދައުލަތުގެ އެއް ބިލިއަން ރުފިޔާގެ ހަރަދު ވެސް ވަނީ އުނިކޮށްފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރު ހުއްޓި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ އިގްތިސާދަށާއި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަންނަ ސިނާއަތް ހުއްޓުމާ ގުޅިގެން ސަރުކާރުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދާނެ އެވެ.