ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މި ވަގުތު ބޭނުންވާ އިތުރު 4.4 ބިލިއަން ރުފިޔާ އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އިސްތިސްނާ ވުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްތިސްނާ ވާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނެވި ގޮތަށް މަޖިލީހުން ހުއްދަ ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ އެވެ. އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.
މިނިސްޓަރު އަމީރު އެދިވަޑައިގެންފައި ވަނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށްދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާކޮށްދިނުމުގެ ހުއްދައަކަށެވެ. އޭރުން އެ ފައިސާ އެމްއެމްއޭއަށް އަނބުރާ ދައްކަން ޖެހޭނީ ވެސް އަހަރު ދުވަހުގެ ތެރޭގަ އެވެ.
އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތްއިރު، ހުރިހާ މެންބަރުން ވެސް ހުއްދަ ދޭން ތާއީދު ކުރެއްވި އެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ އެ ފައިސާ ހަރަދު ކުރަން ރާވާފައިވާ ގޮތުގެ ތަފުސީލުތައް މަޖިލީހުން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ ވަކާލާތު ކުރައްވާފަ އެވެ.
ބެލެވޭ ގޮތުގައި އެމްއެމްއޭއިން ސަރުކާރަށް ދަރަންޏަށް ނަގާ އެ ފައިސާ ހަރަދު ކުރާނެ ގޮތުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ އެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ވެސް އެ މައްސަލަ ބެލުމުގެ މެންޑޭޓް މާލިއްޔަތު ކޮމިޓީއަށް އޮވެ އެވެ.