ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިމަމް ވޭޖް

މި ވަގުތަށް މިނިމަމް ވޭޖް ލާޒިމު ކުރާކަށް ނުފެނޭ: މިނިސްޓަރު އަމީރު

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި، ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާ ވަރަށް ދަށަށް ގޮސްފައިވާތީ، މި ވަގުތު ވިޔަފާރިތަކަށް މިނިމަމް ވޭޖް ލާޒިމު ކުރަން ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ލާޒިމު ކުރަން ވާނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ދެވުނު ދުވަހަކުން ކަމަށެވެ. އެ ހާލަތަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން، ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދު ވެސް ދަށްވެފައި، އަޅުގަނޑުމެނަށް އެންމެ ޔަގީންކަމާއެކު ނޭނގެ [ދަންނަވަން]، ކިހިނަކުން ކަމެއް އަޅުގަނޑުމެންގެ އިގްތިސާދު ބަދަލުވެގެން ދާނީއެއް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ހަމަޖެއްސުމުގައި މި ވަގުތު ސަރުކާރުގައި ވެސް ދަތިތަކެއް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށް ވުރެ ދަށުްނ ލިބޭތީ، ދައުލަތުގެ ހަރަދުތައް ވެސް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅީ، މިކަމާ ގުޅިގެން އިތުރު ދެ ބިލިއަން ރުފިޔާ ގާތްގަނޑަކަށް ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ،" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާލި ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ހުރިހާ ވިޔަފާރިތަކާއި ސިނާއަތްތަކަށެވެ. އަދި ފުރަތަމަ މިނިމަމް ވޭޖް ކަނޑައަޅާއިރު ބިދޭސީން ނުހިމެނުމަށް އެ ބޯޑުން ލަފާ ދިނެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެ ބޯޑުން އެކުލަވާލި ރިޕޯޓް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާ ކުރާއިރު މިނިމަމް ވޭޖްއެއް ކަނޑައެޅުމަށް ލާޒިމު ކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. އެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ވަނީ ތިން ފަންތީގެ ވިޔަފާރިތަކަށް ވަކި މިނިމަމް ވޭޖްއެއް ކަނޑައެޅުމަށް މަޝްވަރާ ކުރައްވައިފަ އެވެ. އެއީ އެންމެ މަތީ ފަންތީގެ ވިޔަފާރިތަކަށް ދޭނެ މިނިމަމް ވޭޖްގެ އަދަދަކަށް 8000 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް 6،000 ރުފިޔާ އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް 4،000 ރުފިޔާ އެވެ.