ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މުޅިން އާ ބަޖެޓެއް ހުށަހަޅައި ފާސްކުރަން ޖެހޭ: ސައްލެ

މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓް މުޅިން ބަދަލުކޮށް އާ ބަޖެޓެއް ހުށަހަޅައި ފާސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޒިންމާވުމުގެ ގާނޫނުގައި އެމްއެމްއޭއިން ސަރުކާރުން ދަރަންޏަށް ނެގޭ ލިމިޓް މަތިކޮށް 4.2 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގޭ ގޮތަށް އެ ލިމިޓްގެ މާއްދާ އިސްތިސްނާކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު އިމްރާހިމް އަމީރު މަޖިލީހަށް ފޮނުވި މައްސަލައަށް ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ އެއީ ދޭން ޖެހޭ ހުއްދައެއް ކަމަށެވެ.

ސައްލެ ވިދާޅުވީ، މި ވަގުތު އިގްތިސާދަށް ވަންނަ ފައިސާ އިތުރު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ސިއްހަތު ރައްކާތެރި ކުރުމަށް އިސްކަން ދިނުން މުހިއްމު ކަމަށެވެ. މި ހާލަތުގައި ހާލުގައި ޖެހޭ ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހޭދަތައް ވެސް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި ހާލަތުގައި ހަރަދު ކުރަން ކޮންމެހެން ސަރުކާރަށް ބޭނުންވާ 4.2 ބިލިއަން ރުފިޔާ ނެގުމަށް މަޖިލީހުން ހުއްދަ ދޭން ޖެހޭ ކަމަށް ތާއީދު ކުރައްވަމުން ސައްލެ ދެން ވިދާޅުވީ މި އަހަރުގެ ބަޖެޓަށް އަންދާޒާ ކުރި އާމްދަނީ ލިބޭ ދޮރުތައް ބަންދުވެފައިވާ ކަމަށެވެ. ބަޖެޓުގައި ނެތް ދިމަދިމާއަށް ހޭދަކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން "ކްރައިސިސް ބަޖެޓް" ގެ ގޮތުގައި މި އަހަރަށް ލަފާކޮށް މުޅިން އާ ބަޖެޓަށް މަޖިލީހަށް މިނިސްޓްރީން ފޮނުވަން ޖެހޭ ކަމަށް ސައްލެ ވިދާޅުވި އެވެ. މިނިސްޓްރީން ފޮނުވާ ބަޖެޓް ދިރާސާކޮށް މަޖިލީހުން ފާސްކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާލުވި އެވެ.

"2020 ގެ ބަޖެޓުގައި އަންދާޒާ ކުރި އާމްދަނީ ލިބޭނެ ކަމަށް ބަޔާން ކުރާ ދޮރުތައް ބަންދު ވެފަ. އެހެން ދިމަދިމާއަށް އިތުރު ހޭދަތައް ކުރަން ޖެހޭ ފިނޭންސް މިނިސްޓަރު އާ ބަޖެޓެއް ހުށަހަޅަން ޖެހޭ. އެ ބަޖެޓަކީ ކްރައިސިސް ބަޖެޓެއް." ސައްލެ ވިދާޅުވި އެވެ.

ސައްލެ އިތުރަށް ވިދާޅުވީ ކެޕިޓަލް ހަރަދުތައް މި ދަނޑިވަޅުގައި ކުޑަކުރަން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ބޭންކްތަކަށް ގަބޫލު ކުރެވޭ އަދަދަކަށް ޓީބިލްތައް ރީއިންވެސްޓް ކުރަން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.