ހަރަދު ކުރާނެ ގޮތުގެ ތަފުސީލުތަކެއް ނުހިމަނައި 4.4 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރެވޭ ގޮތަށް ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑް ކޮށްދިނުމަށް އެދި ފޮނުވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފޮނުވާފައިވާ މައްސަލައަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ އެ މައްސަލާގައި ފިނޭންސް މިނިސްޓްރީން ފޮނުވާފައި ވަނީ މަދު މައުލޫމާތެއް ހިމެނޭ "ކަރުދާސްކޮޅެއް" ކަމަށެވެ. އެއިން ސާފުކޮށް އެނގެނީ މި އަހަރުގެ ބަޖެޓަށް ލަފާ ކުރި އާމްދަނީ ލިބެން ނެތް ކަމާއި ބަޖެޓްގައި ހިމަނާފައި ނުވާ ބައެއް ހަރަދުތައް ވެސް ކުރަން ޖެހިގެން ކުރަމުންދާ ކަމަށެވެ.
މި ހާލަތުގައި ހަރަދު ކުރާނެ ގޮތުގެ އެއްވެސް ތަފުސީލެއް ނެތި ކުއްލިއަކަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ އޯވާޑްރޯ ކުރެވޭ ގޮތަށް ގާނޫނުގެ މާއްދާތަތަކުން އިސްތިސްނާވާން އެދުމަކީ ވަރަށް ގޯސްކޮށް ކުރި ކަމެއް ކަމަށެވެ. މިފަދަ އަމަލުތަކާ އެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އިތުބާރު ކުރެވެން ވެސް ނެތް ކަމަށް ބޮންޑެ ވިދާޅުވި އެވެ.
"ތަފުސީލުތައް ނެތި އެ ފައިސާ ދޭން އެދުމަކީ ވަރަށް ވިޔާނުދާ ކަމެއް. އަޅުގަނޑު މިހާރު ހުރި ފިނޭންސް މިނިސްޓަރަކަށް އިތުބާރެއް ނުކުރެވޭ. ގިނަ މެންބަރުން މި ތިބީ ވާނުވާގައި. މި ފާސްކުރާ އިރުގައި ފިނޭންސް މިނިސްޓަރު އަޅުގަނޑުމެންނަށް ދޭންވީ މި ހަރަދު ކުރާނެ ގޮތުގެ ތަފުސީލު." ބޮންޑެ ވިދާޅުވި އެވެ.
ސަރުކާރުން އެދިގެން މަޖިލީހުން މި ފައިސާ ދޭން ހުއްދައަށް ދިނުމުގެ ކުރިން އެ ފައިސާ އިން ރައްޔިތުންނަށް ލިބޭ އެއްޗެއް ޔަގީން ކުރަން ޖެހޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ. މިހާރު ވެސް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ހިދުމަތެއް ލިބެމުންދާ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި އެދެނީ އެންމެ ކަމެއް. މި ކަމެއް ފާސްކުރާއިރު ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއްތޯ. ވަޒީފާ ގެއްލުނު ފަރާތްތަކަށް ފައިސާއެއް ލިބޭތޯ. މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެވޭތޯ. ކުލި ނުދެއްކި ތިބި ބަޔަކަށް އެއްޗެއް ލިބޭތޯ." ބޮންޑެ ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ ވޭތުވެދިޔަ ތިން އަހަރުގެ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ފޮނުވާފައި ވަނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށްދިނުމަށެވެ.
އެ ގާނޫނުގައި އިތުރަށް ބުނާ ގޮތުން އެ ގާނޫނުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުމުގައި މިނިސްޓްރީއަށް އަމަލު ކުރަން ލާޒިމުވާ މާއްދާތަކުން މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް އިސްތިސްނާ ކުރެވޭނެ އެވެ. އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ބޭނުންފުޅު ވަނީ ވީހާވެސް އަވަހަކަށް ސަރުކާރަށް އެ ހުއްދަ ދޭން ފާސްކުރުމަށެވެ. ބައެއް މެންބަރުން ބޭނުންފުޅު ވަނީ އޭގެ ކުރިއަށް އެ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަފުސީލުތައް ހޯދުމަށެވެ.