އިބްރާހިމް އަމީރު

ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދީ އެންމެ ބޮޑު ޖަރީމާ: އަމީރު

Oct 16, 2021
17

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިގު މުއްތަކަށް ކުއްޔަށް ދީފައިވަނިކޮށް އެއާޕޯޓް އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައި މިވަނީ ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނީ 78 މިލިއަން ޑޮލަރު، ނަޝީދުގެ ސަރުކާރުން ބޭނުންވުމުން އެ ފައިސާ ހޯދުމަށް ކަމަށް އެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މަރިޔަމް ޒުލްފާ ވިދާޅުވުމާ ގުޅިގެން ޖީއެމްއާރްގެ ވާހަކަ އަނެއްކާވެސް ގަދަވެފައި ވަނިކޮށެވެ.

ކްލަބްހައުސްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޒުލްފާ ޒުލްފާ ވިދާޅުވީ ޖީއެމްއާރްގެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ނަޝީދާ ސުވާލުކުރެއްވުމުން އެނގުނީ އެފަދަ "ފީކަޅާ އެގްރިމެންޓެއް" ހެދީ އެވަގުތު 78 މިލިއަން ޑޮލަރު ރައީސް ނަޝީދު ބޭނުންވުމުން ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގައި ހުއްޓަސް ޖީއެމްއާރް އައުޓް ކުރަން އޭރުވެސް އަޅުގަނޑު ހިތާއި ހިތުން އެއްބަސްވިން އެނގޭތޯ. އެހެންވީމާ އިންޑިއާގެ ދަށުވާކަށް ކޮންމެހެން ނުޖެހޭ،" ޒުލްފާ ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ވެސް ޒުލްފާ ސިފަކުރެއްވި އެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ވެސް އެފަދަ ކަންކަމުގައި ދެކޮޅު ހައްދަވާފައި ހުންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ޓްވިޓާގައި މިރޭ މިނިސްޓަރު އަމީރު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުމާ ގުޅިގެން އާބިޓްރޭޝަނުން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އެއާޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދިވެހި ސަރުކާރަށް ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

"މިކަމަށްޓަކާ އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި" އަމީރު ވިދާޅުވި އެވެ.

މިނިސްޓާރު ވިދާޅުވީ ޖީއެމްއާރާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް އެހާތަނަށް ނިންމާނެ ކަމަށެވެ. ނަމަވެސް ހަތް އަހަރު ވެގެންދިޔައިރު އަދިވެސް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ޖީއެމްއާރާއެކު 2014 ގައި އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެ އަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު. އެއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެންދިޔަ އާމްދަނީ. އެއާޕޯޓު 2014 ވަނަ އަހަރު ނިމުނުނަމަ 2020 ވަނަ އަހަރާ ރާއްޖެ އިން ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާއެކު،" އަމީރު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެން ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

ޖީއެމްއާރްގެ އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ދިވެހި ސަރުކާރުން އިސްވެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ހުރިހާ ފައިސާ އެއް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމި، 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ޔާމީންގެ ސަރުކާރުން ދެއްކީ އެއް ފަހަރާ އެވެ. އެގޮތަށް އަމަލުކުރީ ޖީއެމްއާރުން ނަގާފައި އޮތް ލޯނަކަށް އިންޓަރެސްޓްތަކެއް އަރަމުންދާތީ އެކަމުން ދައުލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ނޮވެމްބަރު 15، 2016 ގައެވެ.

ބަދަލުގެ ގޮތުގައި ދެއްކި 271 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އެކްސިސް ބޭންކުން ނެގި ލޯނަށް ދެއްކި 185 މިލިއަން ޑޮލަރާއި، ޖީއެމްއާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ހަރަދާއި، ޓާމިނޭޝަން ކޯސްޓާއި، އާބިޓްރޭޝަން ހަރަދު ހިމެނޭ ގޮތުން ދެއްކި 86 މިލިއަން ޑޮލަރެވެ.