ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް 2025އާ ހަމައަށް 7.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެޖީގައިވާ ގޮތުން އެ އަދަދަކީ 2022 އިން 2025 އަށް ވީއައިއޭ ތަރައްގީ ކުރުމަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދެވެ. އެއީ އެ މުއްދަތުގެ ޖުމްލަ ހަރަދުގެ 18.3 އިންސައްތަ އެވެ.
ފިނޭންސުން ހާމަކުރި ގޮތުގައި 2019 އިން 2021 އަށް ވީއައިއޭ ތަރައްގީކުރުމަށް ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ހަރަދުކޮށްފަ އެވެ. އެއީ އެ މުއްދަތުގައި ހަރަދުކުރި ޖުމްލަ ފައިސާގެ 15.8 އިންސައްތަ އެވެ.
ވީއައިއޭގެ މަޝްރޫއު ނިމޭނެނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
އެއާޕޯޓްގެ މަޝްރޫއު ނިމުމުން އަހަރަކު ގާތްގަނޑަކަށް 7.2 މިލިއަން ފަތުރުވެރިންނަށް ވީއައިއޭ އިން ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކޮށް މިހާރު ތަރައްގީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގައި ވަސީލަތްތައް އިތުރުކުރުމަށް ކަމަށް ފިނޭންސްގެ ސްޓްރެޓެޖީގައި ބުނެފައިވެ އެވެ.
ވީއައިއޭގެ އާ ރަންވޭ ހުޅުވައި މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފަ އެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގުމިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.
އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.