ދައުލަތުގެ ހަރަދު ހުރީ ދުވާލަކު 129.3 މިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 15.9 ބިލިއަން ރުފިޔާގަ އެވެ. ދުވާލަކަށް ބަލާނަމަ އެއީ 129.3 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މިއަހަރުގެ ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 3.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހޭދަ ހުރީ 12.4 ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު 3.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 6.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކަށް މިއަހަރު ހަތަރު ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 11.6 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 8.9 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.6 ބިލިއަން ރުފިޔާ ހިމެނެ އެވެ.