ފިނޭންސް މިނިސްޓްރީ

ލޯނުތައް ދައްކަން ދެ ބިލިއަން ރުފިޔާ ހޭދަކޮށްފި

ލޯނުތައް ދެއްކުމަށް ދައުލަތުގެ ބަޖެޓުން މި އަހަރު ދެ ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް 2.07 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހޭދަކުރީ 1.94 ބިލިއަން ރުފިޔާ އެވެ.

ލޯނުތައް ދެއްކުމަށް ކުރި ހޭދަ ހިމެނޭ ގޮތަށް މިއަހަރުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 42.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 41.8 ބިލިއަން ރުފިޔާގަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މިއަހަރު 11.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އިދާރީ އަދި ހިނގުމުގެ ހަރަދަށް 16.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ވަނީ 8.7 ބިލިއަން ރުފިޔާ ހަަރަދުކޮށްފަ އެވެ.

ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 29.5 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 22.5 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 565 މިލިއަން ރުފިޔާ ލިބުނެވެ.