ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިދިޔަ އަހަރު 11.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
މިއީ ސަޕްލިމެންޓްރީ ބަޖެޓާއެކު ޕީއެސްއައިޕީއަށް މިދިޔަ އަހަރު ކަނޑައެޅި 10.9 ބިލިއަން ރުފިޔާއަށްވުރެ 450.7 މިލިއަން ރުފިޔާ އިތުރުވުމެކެވެ.
ސަޕްލިމެންޓްރީ ބަޖެޓަށްވުރެ ޕީއެސްއައިޕީ ހަރަދު މިދިޔަ އަހަރު އިތުރުވި ނަމަވެސް 2023 އާ އަޅާބަލާއިރު މި އަދަދު ހުރީ ދަށުގަ އެވެ. 2023 ގައި ޕީއެސްއައިޕީ އަށް 12 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކުރީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެ ގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 3.4 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.
ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ބްރިޖު މަޝްރޫއަށް އެއް ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ހޭދަކުރީ 701 މިލިއަން ރުފިޔާ އެވެ. މަގު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު ހުރީ 660 މިލިއަން ރުފިޔާގަ އެވެ.