ފިނޭންސް މިނިސްޓްރީ

ލޯނު ދެއްކުމަށް ކުރި ހޭދައާއެކު ތިން ހަފުތާގެ ހަރަދު 1.4 ބިލިއަނަށް

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ދައުލަތުން 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިއީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހޭދަކުރި މިންވަރެވެ. ލޯނަށް ކުރި ހޭދައާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ހަރަދު ހުރީ 1.6 ބިލިއަން ރުފިޔާގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް މި އަހަރު 345 މިލިއަން ރުފިޔާ އަދި ލެންޑިންގްގެ ގޮތުގައި 212 މިލިއަން ރުފިޔާ ދީފައިވެ އެވެ.

ދައުލަތުން މި އަހަރު ކުރި ހޭދައިގެ ތެރެއިން 843 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. ރިކަރަންޓް ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ.

އެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މި އަހަރު 152.7 މިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 690.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 9.2 މިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދު ހުރީ އެއް ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.5 ޕަސެންޓް ދަށް އަދަދެކެވެ.