ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުން ތިން ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަަށް ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދައާއެކު ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 3.2 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް މި އަހަރު 448.6 މިލިއަން ރުފިޔާ، ލެންޑިންގްގެ ގޮތުގައި 241 މިލިއަން ރުފިޔާ އަދި އިންވެސްޓްމަންޓްސްގެ ގޮތުގައި 45.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތުން މި އަހަރު ކުރި ހޭދައިގެ ތެރެއިން 2.3 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. ރިކަރަންޓް ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 2.9 ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް ބިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދު ހުރީ 1.8 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ.
ކެޕިޓަލް ހަރަދު މި އަހަރު ހުރީ 102.5 މިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 787.6 މިލިއަން ރުފިޔާގަ އެވެ.
ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 3.7 ބިލިއަން ރުފިޔާގެ އެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 393.5 މިލިއަން ރުފިޔާ ހިމެނެ އެވެ.