ފިނޭންސް މިނިސްޓްރީ

ލޯނަށް ކުރި ހޭދައާއެކު ހަރަދު 48 ބިލިއަނަށް

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 48 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 48.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 46.5 ބިލިއަން ރުފިޔާގަ އެވެ.

ލޯނަަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 45.9 ބިލިއަން ރުފިޔާގަ އެވެ.

މީގެ ތެރެއިން 32 ބިލިއަން ރުފިޔާ -- 70 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ.

އެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 12.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 19.4 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 11 ބިލިއަން ރުފިޔާ އެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 18.7 ބިލިއަން ރުފިޔާގަ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 11.4 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 32.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 24.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 7.2 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 31.9 ބިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910