ފިނޭންސް މިނިސްޓްރީ

އާމްދަނީ އާއި ހަރަދުވެސް މިއަހަރު އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ އާއި ހަރަދު މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ޖުމްލަ ހަރަދު ހުރީ 45.6 ބިލިއަން ރުފިޔާގަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނަށް ކުރި ހޭދައާއެކު ޖުމްލަ ހަރަދު ކުރި 44.9 ބިލިއަން ރުފިޔާއަށްވުރެ 697.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ލޯނަަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 43.5 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 42.8 ބިލިއަން ރުފިޔާގަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް މި އަހަރު 12.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިދިޔަ އަހަރު ހޭދަކުރީ 11 ބިލިއަން ރުފިޔާ އެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި މި އަހަރު 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު މިކަމަށް ހޭދަކުރީ 17.8 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އާސަންދަ އާއި ސަބްސިޑީގެ ހަރަދު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ދަށްވި ނަމަވެސް މިއަހަރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތާއި ޕެންޝަންގެ އިތުރުން އިދާރީ އަދި ހިންގުމަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފަ އެވެ.

ދައުލަތުގެ ޖުމްލަ ހަރަދު އިތުރުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ހޭދަކުރި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށް ގޮސްފަ އެވެ.

ޕީއެސްއައިޕީ އަށް މި އަހަރު ހޭދަކުރީ 9.2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ޕީއެސްްއައިޕީއަށް 10.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ހަރަދުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފަ އެވެ.

އެގޮތުން ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 31.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 24.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ހަތް ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 591 މިލިއަން ރުފިޔާ ލިބުނެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 31.1 ބިލިއަން ރުފިޔާ އެވެ.