ދައުލަތުން މިއަހަރު ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 16.5 ޕަސަންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗް ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 8.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދު ހުރީ ހަތް ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 3.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް 541.2 މިލިއަން ރުފިޔާ ހޭދަކުރިއިރު ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ޕީއެސްއައިޕީގެ ތެރެއިން ބަނދަރުގެ މަޝްރޫއުތަކަށް 264.4 މިލިއަން ރުފިޔާ ހޭދަކުރިއިރު މަގު ހެދުމަށް 212.4 މިލިއަން ރުފިޔާ އަދި ބިން ހިއްކުމަށް 191 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވެ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 155.3 މިލިއަން ރުފިޔާ ހޭދަކުރިއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 148.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ބްރިޖު މަޝްރޫއަށް 72.3 މިލިއަން ރުފިޔާ ހޭދަކުރިއިރު އެއާޕޯޓްތަކަށް 33.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގައި ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 5.4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 885.8 މިލިއަން ރުފިޔާ ހިމެނެ އެވެ.