ދަ އުލަތުގެ މިއަހަރުގެ ހަރަދު އިތުރުވާނެ ކަމަށާއި އިތުރުވަމުންދާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މިއަހަރު ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023 ގައި ލަފާކޮށްފައިވަނީ ހަރަދު ހުންނާނީ 39.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ކުރިން އަންދާޒާކުރި ހަރަދަށްވުރެ 16.5 އިންސައްތަ އިތުރުވުމެކެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭއިރު ދައުލަތުން ހަރަދުކުރާ އެހެން ޕްރޮގްރާމްތަކުގެ ހަރަދު ބޮޑުތަނުން ކުޑަކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
ހަރަދު އިތުރުވި މައިގަނޑު ސަބަބުތައް
- ސަރުކާރުގެ ސިޔާސަތުތައް ބަދަލުވުން.
- ރަޝިއާ - ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުން.
- ބަޖެޓު ހުށަހެޅިއިރު ހަރަދުތައް ހަރުދަނާކުރުމަށް ކަނޑައެޅި ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވުން.
- ސަރުކާރުގެ ކުންފުނިތަކަށް އިތުރަށް ސަޕޯޓު ދޭން ޖެހުން.
ފިނޭންސް މިނިސްޓްރީން ބުނީ އެހީ އާއި ސަބްސިޑީއަށް ކުރާ ހަރަދު މިއަހަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ތެލުގެ ސަބްސިޑީއަށް މިއަހަރު 341.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓު ކުރި ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 977.5 މިލިއަން ރުފިޔާ ވަނީ އެކަމަށް ހަރަދުކޮށްފަ އެވެ. މިއަހަރުގެ ނިޔަލަށް ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ.
އާސަންދައަށް މިއަހަރު ބަޖެޓުކުރީ 730.9 މިލިއަން ރުފިޔާ އެވެ. ޖޫން މަހުގެ ނިޔަލަށް އާސަންދައަށް 874.6 މިލިއަން ރުފިޔާ ހިނގާފައިވާ ކަމަށާއި އަހަރުގެ ނިޔަލަށް އާސަންދައަށް 1.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށްވެސް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.
ސަރުކާރުގެ ތިންވަނަ ސަޕްލިމެންޓްރީ ބަޖެޓް
ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރަށް ފާސްކޮށްދިން ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ހަރަދުތައް ކުރަން ބޭނުންވާތީވެ 2021 ވަނަ އަހަރު ވެސް 2.2 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި އެވެ. ސަޕްލިމަންޓްރީ ބަޖެޓު އޭރު ހުށަހެޅީ މި ހިނގާ 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓާ އެކު އެވެ. އެހެންކަމުން މިއަހަރަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅާނީ ކުރިއަށް އޮތް 2023 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓާ އެކު ކަމަށް ބެލެވެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ބަޖެޓް ފޮތުން ފެންނަ ގޮތުގައި މިއަހަރުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި މާބޮޑަށް ވެސް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ޓެކްސް އިދާރާ -- މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.6 ބިލިއަން ރުފިޔާ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޮވެމްބަރު 17، 2018 ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައި ފާސްކުރި އެވެ. އެއީ 2019 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން އެ އަހަރުގެ ނިޔަލަށް ހަރަދުވާނެ އަދަދު ކަމަށް އަންދާޒާކޮށް ފާސްކުރި ބަޖެޓެކެވެ.