ފިނޭންސް މިނިސްޓްރީ

ސަޕްލިމެންޓްރީ ބަޖެޓާއެކު ދަރަނި 15 ބިލިއަނަށް

މިއަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު ދައުލަތުގެ ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރާނެކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓަށްވުރެ ހަރަދުތައް އިތުރުވެ އެ ހަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓާއެކު އެ އަދަދު 49.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރީ 32.09 ބިލިއަން ރުފިޔާ ނަމަވެސް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އިތުރު 399.1 މިލިއަން ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 399.1 ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު އިތުރަށް ބޭނުންވާ 6.11 ބިލިއަން ރުފިޔާގެ ބަޖެޓް ފައިނޭންސް ހޯދުމަށް ވަނީ ނިންމާފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު މިއަހަރަށް ފާސްކުރި ބަޖެޓުގައި ދަރަނި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 8.6 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު ދަރަނި 15 ބިލިއަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.