ދައުލަތުން މިއަހަރު ކުރި ހަރަދު 5.22 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 3.52 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ އިތުރުން ލޯނު ދެއްކުމަށް 494.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މުސާރަ އާއި ޕެންޝަނަށް 942.9 މިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 2.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހަރަދު 797.9 މިލިއަން ރުފިޔާއަށް އަރަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ދަތުރުފަތުރާއި ގުޅުންހުރި މަޝްރޫއުތަކަށް 203.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބްރިޖާއި އެއާޕޯޓް މަޝްރޫއުތައް ހިމެނެ އެވެ.
ސަބްސިޑީތަކަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރިއިރު އޭގެ ތެރެއިން 393.2 މިލިއަން ރުފިޔާ ހޭދަކުރީ އާސަންދަ އަށެވެ.
އާމްދަނީގެ ގޮތުގައި މިއަހަރު ދައުލަތަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.94 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 720 މިލިއަން ރުފިޔާ ހިމެނެ އެވެ.