ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު 55 ޕަސަންޓް އިތުރުވެއްޖެ

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 55 ޕަސަންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 8.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 5.2 ބިލިއަން ރުފިޔާއަށްވުރެ 2.9 ބިލިއަން ރުފިޔާ އިތުރުވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިހާތަނަށް ބަޖެޓުގެ 96 ޕަސަންޓް ވަނީ ހަރަދުކޮށްފަ އެވެ.

ޕީއެސްއައިޕީ އިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެއާޕޯޓުތަކަށާއި ބިން ހިއްކުމަށެވެ. މިއިން ކޮންމެ މަޝްރޫއަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 976 މިލިއަން ރުފިޔާ ހަރަދުކުރިއިރު ބަނދަރުތައް ހެދުމަށް 843 މިލިއަން ރުފިޔާ އަދި ބްރިޖް މަޝްރޫއަށް 688 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.