ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް ތިން ބިލިއަން

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ ހަރަދު ވަނީ ތިން ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ ހަރަދު ހުރީ ދެ ބިލިއަން ރުފިޔާގަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ދައުލަތުން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ބިން ހިއްކުމަށެވެ. އެގޮތުން ބިން ހިއްކުމަށް 405 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ހާބަރު މަޝްރޫއުތަކަށް 375.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެއާޕޯޓް މަޝްރޫއުތަކަށް 360.8 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 348.9 މިލިއަން ރުފިޔާއަށް ހަރަދުކޮށްފައިވެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 328.7 މިލިއަން ރުފިޔާއަށް އަރާފައިވާއިރު ބްރިޖު މަޝްރޫއަށް 186.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި 8.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.