ޕީއެސްއައިޕީ

ބަޖެޓު ކުރި އަދަދަށްވުރެ އިތުރަށް ބައެއް މަޝްރޫއުތަކަށް ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުގައި ތަރައްގީގެ ބައެއް މަޝްރޫއުތަކަށް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށާއި ހާބަރު މަޝްރޫއުތަކުގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކަށް ވަނީ މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ހޭދަކޮށްފަ އެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި 643.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެ މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް ވަނީ 908.3 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ހާބަރު މަޝްރޫއުތަކަށް ކަނޑައެޅީ 395 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހާބަރު މަޝްރޫއުތަކަށް ވަނީ 732 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓުގައި މަގު ހެދުމުގެ މަޝްރޫއުތަކަށް މި އަހަރު ހިމެނީ 451.8 މިލިއަން ރުފިޔާ އެވެ. މަގު ހެދުމުގެ މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް ކުރި ހަރަދު 764 މިލިއަން ރުފިޔާއަށް އަރަ އެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 95.8 މިލިއަން ރުފިޔާ ބަޖެޓުކުރިއިރު އެ މަޝްރޫއުތަކަށް 125 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 6.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 8.5 ބިލިއަން ރުފިޔާ އެވެ.