ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދު 10 ބިލިއަނަށް

ދައުލަތުގެ މިއަހަރުގެ ހަރަދު 10 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 10 ބިލިއަނަށް އަރާފަ އެވެ.

ދައުލަތުގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 7.8 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ވަނީ 28 ޕަސަންޓު އިތުރުވެފަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މިއަހަރު ދެ ބިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް 782 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް

  • ބިން ހިއްކުން - 376.4 މިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާ - 346 މިލިއަން ރުފިޔާ
  • އެއާޕޯޓުތައް - 333.8 މިލިއަން ރުފިޔާ
  • މަގުތައް ހެދުން - 283.9 މިލިއަން ރުފިޔާ
  • ބަނދަރުތައް - 273.6 މިލިއަން ރުފިޔާ
  • ބޯހިޔާވަހިކަން - 235.3 މިލިއަން ރުފިޔާ
  • ބްރިޖު - 178.9 މިލިއަން ރުފިޔާ
  • ތިމާވެށި ހިމާޔަތްކުރުން 107.1 މިލިއަން ރުފިޔާ
  • ތައުލީމީ ދާއިރާ - 104 މިލިއަން ރުފިޔާ
  • ނެޝަނަލް ސެކިއުރިޓީ އަދި ޕަބްލިކް އޯޑާ - 67.6 މިލިއަން ރުފިޔާ
  • ސިއްހީ ދާއިރާ - 22.5 މިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި މި މުއްދަތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އާމްދަނީގެ 80 ޕަސަންޓު -- 5.7 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ މި މުއްދަތުގައި ދައުލަތަށް ލިބުނެވެ.

ދައުލަތަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 5.6 ބިލިއަން ރުފިޔާ އެވެ.