ޕީއެސްއައިޕީ

ތަރައްގީގެ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މިއަހަރު ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް 2.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރި 4.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އިންސައްތައިން ނަމަ 56 ޕަސެންޓް ދަށްވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މި އަހަރު ކޮށްފައިވަނީ ބިން ހިއްކުުގެ މަޝްރޫއުތަކަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކަށް 541.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ޖުމްލަ 230.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މަގު ހެދުމުގެ މަޝްރޫއުތަކަށް 174.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހާބަރު މަޝްރޫއުތަކަށް 172.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން ބްރިޖު މަޝްރޫއަށް މި އަހަރު ވަނީ 108.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.