މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާގައިވާ ގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއަށް އަމަލުކުރަން ޖެހެ އެވެ.
މުވައްޒަފުންނަށް ހިނގާ ހަރަދާއި ދަތުރު ހަރަދުގެ އިތުރުން އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ކަންކަން މި ސާކިއުލާގައި ހިމަނާފައިވެ އެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އާ މަގާމެއް ނުއުފެއްދުމާއި ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނައުން ހިމެނެ އެވެ.
ބަޖެޓުގައި ހިމަނާފައި ވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސްގެ ހުއްދަ ނެތި އަހަރު ތެރޭގައި ދޭން ނުފެށުމާއި ފިނޭންސްގެ ހުއްދަ ނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
ރަސްމީ ގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމާޢި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން ހިމެނެ އެވެ.
ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ. އޭގެ ތެރޭގައި ސްޓަޑީ ޓުއާ އާއި ތަމްރީން ދަތުރުތައް ހިމެނެ އެވެ.
ރާއްޖެ ތެރެއަށް ކަނޑާއި ވައިގެ މަހުން ކުރާ ދަތުރުތަކުގެ ތެރެއިނ 35،000 ރުފިޔާއިން ދަށުގެ ދަތުރުތައް ކުރިއަށް ގެންދަން ޖެހެނީ ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ދަތުރުތައް ކުރުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.
އޮފީސް ހިންގުމުގެ ބޭނުމަށް ކޮންމެހެން ހޯދާ ތަކެއްޗާއި ހިދުމަތުގެ ތެރެއިން 35،000 ރުފިޔާއިން ކުޑަ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ޕްރޮކިއުމަންޓްތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.
ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު ސްކޮލާޝިޕެއް ނުދިނުމަށާއި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތައް ފިޔަވައި އިތުރު އެއްވެސް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުން ހިމެނެ އެވެ.
ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ ތަމްރީންތައް ކުރިއަށް ގެންދެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 5،000 ރުފިޔާއިން މަތީގެ ތަމްރީންތައް ކުރިއަށް ގެންދިއުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.
އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި މަރާމާތަށް މިހާތަނަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތަކާއި ދެމުންގެންދާ ހިދުމަތެއް މެދުކެނޑުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށްވެސް ވަނީ އަންގާފަ އެވެ.
ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށް ވަނީ އަންގާފަ އެވެ. އެގޮތުން ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން 35،000 ރުފިޔާއިން ކުޑަ ކެޕިޓަލް ހަރަދުތައް ކުރެވޭނީ ބަންޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިުކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު އެވެ. އަދި 35،000 ރުފިޔާއިން މަތީގެ ކެޕިޓަލް ތަކެތި ހޯދުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހެއެވެ.
ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާއަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަންކުރުމަށާއި ކައުންސިލުގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސައި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށް ސަމާލުވުމަށް ވަނީ އަންގާފަ އެވެ.