ހަރަދުތައް ބޮޑުވެ މިއަހަރުގެ ދައުލަތުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާއެކު ހަރަދުތައް ބޮޑުވެފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއެކު ތެލާއި ތަކެތީގެ އަގު އުފުލި ބަޖެޓަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. ތެލުގެ ސަބްސިޑީއަށް މިއަހަރު ބަޖެޓުކުރީ 342 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ ނިޔަލަށް ތެލުގެ ސަބްސިޑީއަށް 2.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށާއި އެ އިތުރުވުން ފައިނޭންސް ކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ލިބޭ ފައިސާ އަކުން ކަމަށެވެ.
ދައުލަތުގެ މިއަހަރުގެ ހަރަދު އިތުރުވާނެ ކަމަށާއި އިތުރުވަމުންދާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މިއަހަރު ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ލަފާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާން 2025 – 2023 ގައި ލަފާކޮށްފައިވަނީ ހަރަދު ހުންނާނީ 39.7 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ކުރިން އަންދާޒާކުރި ހަރަދަށްވުރެ 16.5 އިންސައްތަ އިތުރުވުމެކެވެ.
ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭއިރު ދައުލަތުން ހަރަދުކުރާ އެހެން ޕްރޮގްރާމްތަކުގެ ހަރަދު ބޮޑުތަނުން ކުޑަކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
ސަރުކާރުގެ ތިންވަނަ ސަޕްލިމެންޓްރީ ބަޖެޓް
ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރަށް ފާސްކޮށްދިން ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ހަރަދުތައް ކުރަން ބޭނުންވާތީވެ 2021 ވަނަ އަހަރު ވެސް 2.2 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކުރި އެވެ. ސަޕްލިމަންޓްރީ ބަޖެޓު އޭރު ހުށަހެޅީ މި ހިނގާ 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓާ އެކު އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ބަޖެޓް ފޮތުން ފެންނަ ގޮތުގައި މިއަހަރުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި މާބޮޑަށް ވެސް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ޓެކްސް އިދާރާ -- މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.6 ބިލިއަން ރުފިޔާ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޮވެމްބަރު 17، 2018 ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައި ފާސްކުރި އެވެ. އެއީ 2019 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން އެ އަހަރުގެ ނިޔަލަށް ހަރަދުވާނެ އަދަދު ކަމަށް އަންދާޒާކޮށް ފާސްކުރި ބަޖެޓެކެވެ.