ބަޖެޓު 2023

ވަގުތު އިތުރުކުރަން ފާސްކޮށް ބަޖެޓު ބަހުސް ފަށައިފި

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގެ ވަގުތު އިތުރުކުރަން ފާސްކޮށް ބަޖެޓުގެ ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގެ ބަޖެޓުގެ ވަގުތު އިތުރުކުރަން ފާސްކޮށްފަ އެވެ. އެގޮތުން މިއަދާއި މާދަމާ ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގަންނަވާ މެންބަރުން ބަހުސްކޮށް ނިމެންދެން ހުސްވަގުތުކޮޅަށް ތަން ދެމުން ރޭގަނޑު 10:00 އާ ހަމައަށް ވަގުތު އިތުރުކުރުމަށާއި ބުރާސްފަތި ދުވަހު ބަޖެޓަށް ބަހުސްކުރަން އެދޭ ހުރިހާ މެންބަރުން ބަހުސްކޮށް ނިމެންދެން ހުސްވަގުތުކޮޅު ދެމުން ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓުގެ ބަހުސްގެ ވަގުތު އިތުރުކުރަން ފާސްވީ 37 މެންބަރުންގެ ވޯޓުން ނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބަޖެޓު ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އީވާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓު ބަހުސްގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ބަޖެޓު މަޖިލީހަށް ހުށަހެޅީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ބަޖެޓްގެ ޖުމްލަ އަދަދު ކިތަންމެ ބޮޑު ނަމަވެސް މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާ ބަލާއިރު އަންނަ އަހަރުގެ ބަޖެޓް ދަރަނި ކުޑަ އެވެ. އެގޮތުން މި އަހަރު ފާސްކޮށްފައި އޮތް ބަޖެޓަކީ 12.6 ބިލިޔަން ރުފިޔާ އިން ދަރަނި ބަޖެޓެއް ނަމަވެސް އަންނަ އަހަރު އެ އަދަދު އުޅޭނީ 8 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.