ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރެވެނީ 606 މިލިއަން ޑޮލަރު -- 9.3 ބިލިއަން ޑޮލަރުގައި ކަމަށް ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 657 މިލިއަން ޑޮލަރު -- 10.1 ބިލިއަން ރުފިޔާ އެވެ.
މިއަހަރާއި އަންނަ އަހަރުގެ ރިޒާވްގެ އަންދާޒާ ކުރާ ތަފާސްހިސާބަށް ބަލާއިރު އަންނަ އަހަރު ރިޒާވްއަށް ލިބޭ އަދަދު 51 މިލިއަން ޑޮލަރު 786.4 މިލިއަން ރުފިޔާ މަދުވެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓްގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރީ 658 މިލިއަން އެމެރިކާ ޑޮލަރެވެ. ޖުލައިގެ ނިޔަލަށް ރިޒާވްގައި ހުރީ 728.2 މިލިއަން އެމެރިކާ ޑޮލަރެވެ.
އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް މިއަހަރު އެ އަދަދު އާންމުކުރުން ހުއްޓާލާފައިވާތީ ރިޒާވްގެ އަސްލު ބޮޑު މަންޒަރެއް އާންމުންނަކަށް ނޭނގޭ އެވެ.
ރިޒާވްއަށް ކޮންމެ ކަހަލަ ބަދަލެއް މިވަގުތު އައިސްފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންދާޒާކުރި އަދަދަށް މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި ރިޒާވްއަށް އަސަރުކޮށްފައިވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށެވެ. ރިޒާވްއަށް އަސަރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމެވެ.
ރިޒާވަށް އަންނަ ލޮޅުންތައް މިޓިގޭޓް ކުރެވޭނެކަމަށް ވިދާޅުވެ މިނިސްޓަރު އަމީރު ވިދާޅުވީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފްޓް ފެސިލިޓީއަކާއި ސާކް އެރޭންޖްމަންޓްގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ އެކު 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އެބައޮތް ކަމަށެވެ.