ބަޖެޓު 2023

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަން 493 މިލިއަން ރުފިޔާ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 493 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކަނޑައަޅާފައިވަނީ ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލްތައް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައް ވަނީ ބޮޑުކޮށްފަ އެވެ.

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުން ނުވަތަ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް އަންނަ އަހަރުގެ ކުރީކޮޅު ބޮޑުކުރަން ނިންމާ، ކަމާ ގުޅޭ ދިރާސާ ސަރުކާރުން ވަނީ ހަދާފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނެ ސީދާ ތާރީހު ރައީސް ސޯލިހް އިއުލާންކުރައްވާނެ ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން ސިއްހީ ދާއިރާއަށް އިތުރު 1،000 މުވައްޒަފުން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުން މި އަހަރާއި އަޅައިބަލާއިރު އަންނަ އަހަރު މުވައްޒަފުންނަށްކުރާ ހަރަދު 17.5 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިދިޔަ އަހަރު ބަޖެޓުގައި 337 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2025 ގެ ނިޔަލަށް މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ދެވޭނެ ކަމަށާއި މުސާރަ ހަމަހަމަ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މެދުރާސްތާގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 42 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ 67 އިންސައްތަ ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމުގެ ހަރަދަށެވެ.