ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ނުހިމެނޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިއަހަރުގެ ބަޖެޓު ފޫބެއްދުމަށް އިތުރު 5.8 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފާހަގަކުރެއްވި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިއަހަރުގެ ނިޔަލަށް ދައުލަތުގެ ހަރަދު ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގައި ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ވަރަށް ސާފުކޮށް ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓް ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު ހިމެނޭނެ ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ނޮވެމްބަރު މަސް. ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ތެރޭ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކުރައްވާނެ ކަމަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑަށް މިފެންނަނީ މިހާތަނަށް އައިއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ހަރަދު ކުރައްވާފައިވާ ކަންވެސް ސާފުވާކަށް ނެތް" ނަޝީދު ވިދާޅުވި އެވެ.
"އެއީ މައްސަލަ އެއް. އެއީ މެންބަރުންނަށް ހަނދުމަ ކޮށްދޭން ޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ކަންކަން ހިނގާނީ މެންބަރުން އެދޭ ގޮތަށް ކަމަށާއި މަޖިލީހަށް ހުށަހެޅޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ނުހިންގޭ ނަމަ އަތުން ކަންކަން ގެއްލޭ މިންވަރު ބޮޑުވާނެ ކަމަށެވެ. އިތުރަށް ހަރަދުކުރަން ބުނާ 5.8 ބިލިއަން ރުފިޔާއަކީ މަދު އަދަދެއް ނޫން ކަމަށާއި އެ އަދަދަކީ ސުނާމީގެ ކުރީގެ އަހަރުތަކުގައި މުޅި ދައުލަތުގެ ބަޖެޓު ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.