ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް މާލޭގައި ހުޅުވައިފި

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބިޒްނަސް ސެންޓަރެއް މިރޭ މާލޭގައި ހުޅުވައިފި އެވެ. މިއީ ދިވެހި ބޭންކްގެ މިފަދަ ބިޒްނަސް ސެންޓަރެއް މާލޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. -- މީގެ ކުރިން ބޭންކްގެ ބިޒްނަސް ސެންޓަރެއް ހުޅުވީ ދެކުނުން އައްޑު އަތޮޅުގަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގައި ގާއިމް ކޮށްފައިވާ ބީއެމްއެލް ބިޒްނަސް ސެންޓަރު ހުޅުވައި ދެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޓިމް ސޯޔާ އެވެ.

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. އެ ފަރާތްތަކުން ވިޔަފާރި އާ ގުޅޭ ލަފަ އާއި އިރުޝާދާއި ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ލޯނާ ގުޅޭ މައުލޫމާތުގެ އިތުރުން ޕީއޯއެސް އާއި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރި ވެދޭނެ އެވެ.

ބިޒްނަސް ސެންޓަރު ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލްގެ ލޯން ޕޯޓްފޯލިއޯ އަށް ބަލާއިރު މިހާރު ވެސް އެކި އެކި ދާއިރާގެ ވިޔަފާރި ހިންގާ 1300 ވިޔަފާރިއަށް 800 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ ބޭންކުގެ ބިޒްނަސް ސެންޓަރު މެދުވެރިކޮށް ތަޖުރިބާކާރު މުވައްޒަފުންގެ މެދުވެރިވެ، ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށާއި ބޭންކުގެ އަމާޒަކީ ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރު ކޮށްދިނުން ކަމަށެވެ.

ބިޒްނަސް ސެންޓަރު ހުޅުވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތު އެންމެ މުހިންމު އެއް ބަޔަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް ތަރައްގީ ކުރުން ކަމަށެވެ. ބީއެމްއެލް އިން މިރޭ މި ހުޅުވި ބިޒްނަސް ސެންޓަރުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ވޭތުވެ ދިޔަ 37 އަހަރު ދުވަހު ބީއެމްއެލް އިން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން ކުރި ކަންކަން އަގު ނުކުރެވޭ ކަމަށާއި އޭގެ ސަބަބުން ކުދި އަދި މެދު ފަންތީގެ އިތުރު އިންޑަސްޓްރީތައް އުފެދިފައިވާ ކަމަށް ވެސް ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ގޮތުގައި ތިޔަ ބޭފުޅުންގެ ... [ދިވެހި ބޭންކުގެ ކަސްޓަމަރުންގެ އަދަދު އުނިކޮށްފައި] 113 އޭޓީއެމް އެބުހުރި. 850 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި އެބަހުރި. އެހެން ކަމުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ބީއެމްއެލްއިން ގިނަ ގުނަ ހިދުމަތްތަކެއް ފޯރުކޮށްދީފައޭ ބުނުމުން ދޮގަކަށް ނުވާނެ. އަޅުގަނޑު ދަންނަވާނީ ފިނޭންސް މިނިސްޓްރީ ނަގާފައި ރާއްޖޭގެ އިގްތިސޯދުގެ އެންމެ ވަރުގަދަ އިންޖީނަކީ ބީއެމްއެލް." އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ފޮނި އުންމީދުތަކެއް ކުރާ ބައެއް ކަމަށާއި ފުދުންތެރި ކަމާއެކު އެއްވެސް މީހެއްގެ އަޅުވެތި ކަމުގައި އެއްވެސް ދިވެއްސަކު އުޅެން ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ ވެސްއެކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ސަރުކާރެއް ކަމަށާއި ބޭނުންވަނީ ދިވެހި ކޮންމެ ރައްޔިތަކަށް ފުދުންތެރި ދިރިއުޅުމެއް ފަހިކޮށް ދިނުން ކަމަށެވެ.

ގައުމީ ބޭންކުގެ ބިޒްނަސް ސެންޓަރެއް ވެރި ރަށުގައި ހުޅުވި އިރު އެ ބޭންކުގައި މުޅި ރާއްޖެ ހިމެނޭ ގޮތަށް ގޮތަށް ބޭންކްގެ ބްރާންޗާއި ރިލޭޝަންޝިޕް މެނޭޖަރުންނާއި ސެލްފް ސާވިސް ބޭންކިން ސެންޓަރާއި އޭޓީއެމާއި ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އޮވެ އެވެ،