ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސް އިފްތިތާހް ކުރުމާއެކު މިއަދު ވަނީ ރާއްޖޭގެ 90 ވަނަ ރަށުގައި ބީއެމްއެލްގެ 150 ވަނަ އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ.
ބީއެމްއެލް އިން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމުމަށެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ އަމާޒަށް ވާސިލްވެވޭނީ ބީއެމްއެލްގެ މުވައްޒަފުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 17 ރަށުގައި އޭޓީއެމް ބަހައްޓާނެ އެެވެ. ފުރަތަމަ ފިޔަވަހީގައި ބަހައްޓާ އޭޓީއެމްތައް ރާއްޖެ ގެނެސްފައިވާއިރު ފުރަތަަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލެވޭނީ އަންނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަން ކުރާ މަސައްކަތުގައި އަންނަ އަހަރު ޖުމްލަ 100 އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އޭރުން އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިފެށޭ މަޝްރޫއުގައި ބެންކް އޮފް މޯލްޑިވްސް އަކީ މުހިއްމު ބައިވެރިއެއް ކަމުގައި ވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމް ތަކަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި އަދި ޓްރާންސްފާ ކުރަންޖެހޭ ހާލަތްތަކުގައި އެ ހިދުމަތްވެސް ލިބޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ބަހައްޓާ އޭޓީއެމްތަކެއް ކަމަށެވެ.
"މި މުހިއްމު ހިދުމަތް ރާއްޖޭގައި ދޭން ފެށިތާ އަންނަ އަހަރަށް 25 އަަހަރު ފުރޭނެ. މިއުފާވެރި ރިހިޔޫބިލްގައި އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓާ ނިންމުން،" ޝަރީފް ވިދާޅުވި އެވެ.