އަބްދުﷲ ޝާހިދު

ޝާހިދު ސަރުކާރަށް: މިދެން ތަންކޮޅެއް ބޮޑުވަރު

ސަރުކާރުގެ ކަންކަން ތަންކޮޅެއް މައްޗަށް ހިނގައްޖެ ކަމަށް ވިދާޅުވެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހޫނުކޮށް ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓް ފަށްޓަވާފައިވަނީވެސް "އިނަފް އިޒް އިނަފް"އޭ ވިދާޅުވުމަށްފަހު އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސަރުކާރުގެ ކަންކަން ތަންކޮޅެއް މައްޗަށް ހިނގައްޖެ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ޝާހިދުގެ ހޫނު ހަމަލާތަކެއް ސަރުކާރަށް އަމާޒުވީ މިއަދު އިރުއެރުމާއެކު ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސް އިން ކުރި އިއުލާނެއްގައި ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތް ނުކުރެވޭނެ ކަމަށް އެންގުމާ އެކު އެތައް ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވުމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުން މާލީ ސިޔާސަތު ގޯސްކޮށް ހިންގުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގޮތުގައި މިސަރުކާރުގައި އެއްވެސް ތަސައްވުރެއް އަދި ރަނގަޅު މެނޭޖްމަންޓެއް ނެތެވެ. އެއްވެސް ހަމައެއް ނެތި މީހުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ނިކުމެދާނެ ނަތީޖާއަކަށް ބެލުމެއްނެތި ހާރިޖީ އަދި އިގްތިސާދީ ސިޔާސަތު ތަންފީޒުކުރުމު ސަބަބުން ރައްޔިތުން ވަރަށް ބޮޑު މާލީ ދަތިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް ކާޑުން މުއާމަލާތް ކުރެވޭ އެމެރިކާ ޑޮލަރުގެ ލިމިޓް ކުޑަކުރުމުގެ ސަބަބުން ތައުލީމާއި ދިރިއުޅުމުގެ ހަރަދުތަކަށް ބަރޯސާވެ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ދަރިވަރުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްތައް އިތުރުކުރުމަށްފަހު ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައި ނުދީ އަދި ބޭނުންވާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދިނުމަކީ ރައްކާތެރި އިގްތިސާދީ ހާލަތަކަށް ގައުމު ގެންދިއުމަށް ރަނގަޅު ތަސައްވުރެއް ނެތް ކަމުގެ އިތުރު މިސާލެއް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންނަށް އެކަށީގެންވާ ބޭރު ފައިސާ ލިބޭނެ ގޮތް ކަށަވަރުކޮށްދީ، އަޅުގަނޑުމެންގެ ތެރެއިން އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކޮށް، މައްސަލަތައް އިސްލާހުކުރުމާ ދިމާލަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.