ބޭސްފަރުވާގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހްރޫމު ނުކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޝާހިދު މިކަމަށް ގޮވާލައްވާފައި މިވަނީ އާސަންދަ ސްކީމު އިސްލާހު ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އަމިއްލަ ހެލްތު އިންޝުއަރެންސް ސްކީމު ނަގާފައިވާ ބައެއް މީހުންނަށް އާސަންދަ ސްކީމުން ހިލޭ ސިއްހީ ފަރުވާގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.
އަމިއްލަ ހެލްތު އިންޝުއަރެންސް ސްކީމް ގެންގުޅޭ މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެފަދަ ސްކީމު ގެންގުޅޭ މީހުންގެ އެ ސްކީމުގެ ލިމިޓް ހަމަވުމާ އެކު އާސަދަން ސްކީމުގެ ތެރެއިން ހިދުމަތް ލިބޭނެ ކަމަށެވެ. އެއްވެސް ދިވެހި ރައްޔިތަކު އާސަންދަ ސްކީމުން ބޭރުވެގެން ނުދާނެ ކަމަށްވެސް ސަަރުކާރުން ބުނެފައިވެ އެވެ.
ސޯޝަލްމީޑިގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް ދިވެހި އައިޑީ ކާޑު ދައްކާލުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ސިއްހީ ނިޒާމަކީ އެމްޑީޕީން ގެނައި ސިއްހީ ނިޒާމެއް ކަމަށެވެ.
"[އެއީ އެމްޑީޕީން] މިރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިއްމު އެއް އަސާސް،" ޝާހިދު ވިދާޅުވި އެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި ޝާހިދު ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް, އާސަންދަ ނިޒާމަށް މި ސަރުކާރުން ގެންނަމުންދާ ބަދަލުގެ ހަގީގީ އަމާޒަކީ, ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން އަސާސީ ހައްގަކުން މަހްރޫމު ކުރުން ކަމަށެވެ. ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަ ކޮށް، މުޅި ސިއްހީ ނިޒާމު ސިޔާސީ ކޮށްލުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ.
"ބޭސް ފަރުވާގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހްރޫމު ނުކުރުމަށް ހަރު އަޑުން މި ސަރުކާރަށް ގޮވާލަން. ސިއްހީ ނިޒާމު ސިޔާސީ ކުރުން ހުއްޓާލާ،" ޝާހިދު ވިދާޅުވި އެވެ.