ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒުކުރަން ފެށުމުން އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ބޮޑު ހަރަދު ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒުކުރަން ފެށުމާގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ނޭޝނަަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕް) އާއި އާސަންދަ ކުންފުނީގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެސްޓީއޯ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނީ މި ސިޔާސަތާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭނެ ކަމަށެވެ.
ސަރުކާރުން ޔޫއެންޑީޕީ އާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް އާންމުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް، ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔުކޮށް ރާއްޖެ ގެނައުމަށް ފެށި ޕްރޮޖެކްޓްގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރުކުރާނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލިމީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ބޭސްތަކެވެ.
މި ސިޔާސަތުގެ ދަށުން ރާއްޖެއަށް އެތެރެކުރަން ހުއްދަ ދެނީ ޑަބްލިޔުއެޗްއޯ ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވުމާއެކު ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ ކޮލިޓީ މިންގަނޑުތަކުން ފާސްވެފައިވާ ޕްރޮޑަކްޓްތަކަށެވެ.
އަސާސީ ބައެއް ބޭހުގެ އަގުތަކުގެ ތަފާތު
- ޑައިކްލޯފެނަކް 50މގ - އާ އަގު 1.01ރ. | ކުރީގެ އަގު 6.12ރ.
- މެރޯޕެނެމް ޓްރައިހައިޑްރޭޓް 1000މގ - އާ އަގު 10.03ރ. | ކުރީގެ އަގު 428.40ރ.
- ސެފްޓްރައިއޮކްސްޒޯން 1ގ ޕައުންޑާ ފޮ އިންޖެކްޝަން - އާ އަގު 16.70ރ. | ކުރީގެ އަގު 61.20ރ.
- ކާބަމަޒެޕިން 200މގ ޓެބްލެޓް - އާ އަގު 1.95ރ. | ކުރީގެ އަގު 5.14ރ.
- ކާބަމަޒެޕިން 100މގ ޓެބްލެޓް / 5އެމްއެލް، އޯރަލް ސޮލިއުޝަން، 450އެމްއެލް ބޮޓުލް - އާ އަގު 268.44ރ. | ކުރީގެ އަގު 205.07ރ.
- ފްލުއޮކްސްޒެޓިން 20މގ ކެޕްސޫލް - އާ އަގު 1.35ރ. | ކުރީގެ އަގު 2.92ރ.
- ވިލްޑަގިލްޕްޓިން 50މގ، ޓެބްލެޓް - އާ އަގު 5.33ރ. | ކުރީގެ އަގު 13.26ރ.
- ވިލްޑަގިލްޕްޓިން + މެޓްފޯމިން 50މގ. + 1000މގ ޓެބްލެޓް - އާ އަގު 2.45ރ. | ކުރީގެ އަގު 7.71ރ.
- އިންސުލިން އެނަލޮގް ރެޕިޑް އެސްޕާޓް 100|ޔޫ އެމްއެލް، އިންޖެކްޓަބަލް ސޮލިއުޝަން 3 އެމްއެލް ޕްރިފިލްޑް ޕެން - އާ އަގު 86.35ރ. | ކުރީގެ އަގު 316.20ރ.
- އިންސުލިން އެނަލޮގް ރެޕިޑް ގްލާގިން 100|ޔޫ އެމްއެލް، އިންޖެކްޓަބަލް ސޮލިއުޝަން 3 އެމްއެލް ޕްރިފިލްޑް ޕެން - އާ އަގު 86.35ރ. | ކުރީގެ އަގު 228.22ރ.
މި ސިޔާސަތުގެ ދަށުން ފުރަތަމަ މަރުހަލާއަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. ފުރަތަމަ މަރުހަލާގައި ބަލްކްކޮށް ގެނެސް އާސަންދައިގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް ބޭހެކެވެ. މަތީގައި އެވަނީ ހަތް ބޭހުގެ ތަފްސީލެވެ.
މިހާރެކޭވެސް އެއްގޮތަށް މި ބޭސްތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ އެވެ.
އާސަންދަ ނިޒާމްގެ ތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް މި ސިޔާސަތާއެކު ހުއްޓުވޭނެ އެވެ. މީގެ އިތުރުން ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ ކަމަށް ސިޔާސަތުގައި ބުނެފައިވެ އެވެ.