އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް މުއިއްޒު މިގޮތްތައް ކަނޑައެޅުއްވީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.
ރައީސް ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލުމަށް ނިންމުން ހިމެނެ އެވެ.
ފިޔަވަޅުތަކުގެ ތެރޭގައި އެސްޓީއޯ އިން ލިބެން ހުރި ބޭސް ފެންނާނެ ގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމާއި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯ އަށް ލިބޭނެ ގޮތް ހަމަޖައްސައި މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.
މާލޭގައި ގާއިމުކުރަން ނިންމާފައިވާ 4 ޖީޕީ ކްލިނިކުން އެސްޓީއޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައި އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި ފޮރިން މިނިސްޓްރީގެ ދައުރު ފުޅާކުރަން ވަނީ ކަނޑައަޅާފަ އެވެ.
ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން އެސްޓީއޯ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.