ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑު-19 ގެ ހަރަދުތަކާ ގުޅިގެން އެސްޓީއޯ އޮޑިޓުކޮށްދޭން ފިނޭންސުން އެދިއްޖެ

May 16, 2020
1

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާތީ، އެ ކުންފުނި އޮޑިޓު ކޮށްދޭން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ނޭޝަނަލް އިމާޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅޭ ހަރަދުތައް ގާނޫނާއި ގަވައިދުތަކުގެ ދަށުން ކުރަމުންދާކަން ޔަގީން ކުރުމަށްޓަކައި ހާއްސަ އޮޑިޓެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އަށް ބޭނުންވާ ބޭހާއި ސިއްހީ ހާލާތްތައް ގަތުމަށް ހަރަދުގެ ބޮޑު ބައެއް ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށާއި އެހެންކަމުން އޮޑިޓާ ޖެނެރަލް އޮފީހުގެ އިތުރުން ޕީސީބީ މެދުވެރިކޮށް އެ ކުންފުނީގެ އިންޓާނަލް އޮޑިޓެއް ކުރުމަށް އެދިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ވީހާވެސް ބޮޑަކަށް މި ޕްރޯސެސްގެ ހާމަކަން އިތުރުކުރުމާއި، މައްސަލައެއް ނޫނީ އެއްވެސް ލީކެއް އުޅޭކަމަށްވާނަމަ، އެކަން ވީއެންމެ އަވަހަކަށް ރަނގަޅުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ބަޖެޓު އެގްޒެކަޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ މިހާތަނަށް ކޮވިޑް-19 އަށް ކުރެވިފައިވާ ޖުމްލަ 814 މިލިއަން ރުފިޔާގެ ތެރެއިން 389 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވަނީ އެސްޓީއޯ މެދުވެރިކޮށް ބޭސް ފަދަ ތަކެތި ގަތުމަށް ކަމަށެވެ.

ހަރަދާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން، ސަރުވާޝް ވިދާޅުވީ އޭގެ ތެރެއިން 55 ޕަސަންޓަކީ އަދި ކޮމިޓަޑް އަދަދެއް ކަމަށާއި އޭގެ ތެރޭގައި ފަހުން ފައިސާ ދައްކާގޮތަށް ދޫކުރެވިފައިވާ ޕާޗަސް އޯޑަރުތައް ހިމެނޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ފައިނޭޝަލް އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ރައްޔިތުން މަޖިލީހަށް ހުށަހަޅާފަ އެވެ.