ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތެއް އެކުލަވާލައި މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ ބަލްކް ޕްރޮކިއުމަންޓަކީ ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔުކޮށް ރާއްޖެ ގެނައުމަށް ފަށާފައިވާ ޕްރޮޖެކްޓެކެވެ.
މި ސިޔާސަތު ތަންފީޒުކުރަން ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
ރާއްޖެއަށް މިހާރު ބޭސް ގެންނަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ނިސްބަތަށްވުރެ 15 ގުނަ އަދި މި ސަރަހައްދަށް ވުރެ 70 ގުނަ ބޮޑު ކަމަށެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި އަސާސީ ބައެއް ބޭސް ރާއްޖެއިން ގަންނަން ލިބެނީ 200 ޕަސެންޓަށްވުރެ ބޮޑުކޮށެވެ.
އަސާސީ ބައެއް ބޭހުގެ އަގުތަކުގެ ތަފާތު
- ޑައިކްލޯފެނަކް 50މގ - އާ އަގު 1.01ރ. | ކުރީގެ އަގު 6.12ރ.
- މެރޯޕެނެމް ޓްރައިހައިޑްރޭޓް 1000މގ - އާ އަގު 10.03ރ. | ކުރީގެ އަގު 428.40ރ.
- ސެފްޓްރައިއޮކްސްޒޯން 1ގ ޕައުންޑާ ފޮ އިންޖެކްޝަން - އާ އަގު 16.70ރ. | ކުރީގެ އަގު 61.20ރ.
- ކާބަމަޒެޕިން 200މގ ޓެބްލެޓް - އާ އަގު 1.95ރ. | ކުރީގެ އަގު 5.14ރ.
- ކާބަމަޒެޕިން 100މގ ޓެބްލެޓް / 5އެމްއެލް، އޯރަލް ސޮލިއުޝަން، 450އެމްއެލް ބޮޓުލް - އާ އަގު 268.44ރ. | ކުރީގެ އަގު 205.07ރ.
- ފްލުއޮކްސްޒެޓިން 20މގ ކެޕްސޫލް - އާ އަގު 1.35ރ. | ކުރީގެ އަގު 2.92ރ.
- ވިލްޑަގިލްޕްޓިން 50މގ، ޓެބްލެޓް - އާ އަގު 5.33ރ. | ކުރީގެ އަގު 13.26ރ.
- ވިލްޑަގިލްޕްޓިން + މެޓްފޯމިން 50މގ. + 1000މގ ޓެބްލެޓް - އާ އަގު 2.45ރ. | ކުރީގެ އަގު 7.71ރ.
- އިންސުލިން އެނަލޮގް ރެޕިޑް އެސްޕާޓް 100|ޔޫ އެމްއެލް، އިންޖެކްޓަބަލް ސޮލިއުޝަން 3 އެމްއެލް ޕްރިފިލްޑް ޕެން - އާ އަގު 86.35ރ. | ކުރީގެ އަގު 316.20ރ.
- އިންސުލިން އެނަލޮގް ރެޕިޑް ގްލާގިން 100|ޔޫ އެމްއެލް، އިންޖެކްޓަބަލް ސޮލިއުޝަން 3 އެމްއެލް ޕްރިފިލްޑް ޕެން - އާ އަގު 86.35ރ. | ކުރީގެ އަގު 228.22ރ.
މި ސިޔާސަތުގެ ދަށުން ފުރަތަމަ މަރުހަލާއަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. ފުރަތަމަ މަރުހަލާގައި ބަލްކްކޮށް ގެނެސް އާސަންދައިގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް ބޭހެކެވެ. މަތީގައި އެވަނީ ހަތް ބޭހުގެ ތަފްސީލެވެ.
މަރުހަލާ 1 - ކުރުމަށް ހަމަޖެހިފައިވާ ކަންކަން
- އެންމެ ފުރަތަމަ ހަތް ބޭސް ދައުރުކުރަން ފެށުން
- ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ފުރިހަމަކުރުން
- އިތުރު ތިން ބޭސް ދައުރުކުރަން ފެށުން
- ބޭސް ލިބެން ފެށުން
- ޑޮކްޓަރުން ބޭސް ލިޔާ ގޮތަށް ބަދަލު ގެންނަން ފެށުން
- އަމިއްލަ ވިޔަފާރިތަކަށް ސްޓޮކާ ގުޅޭ ގޮތުން ދުރާލާ އެނގުން
އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން މިހާރު ނުލިބޭއިރު މި ސިޔާސަތާއެކު އަސާސީ ހުރިހާ ބޭސް ރާއްޖެއިން ލިބުން ކަށަވަރުކުރެވޭނެ ކަމަށް ސިޔާސަތުގައި އޮވެއެވެ.
މި ސިޔާސަތުގެ ދެވަނަ މަރުހަލާ ތަންފީޒުކުރަން ފަށާނީ އޮކްޓޫބަރު ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މަރުހަލާ 2 - ކުރުމަށް ހަމަޖެހިފައިވާ ކަންކަން
- އިތުރު ގިނަ ބޭސްތައް ބަލްކް ޕްރޮކިޔުކުރުން
- ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭސް މި ނިޒާމުގެ ތެރެއިން ގެނައުން
- އާސަންދައިގެ އަސާސީ އަގަށް ބަދަލުގެނައުން
- މި ލައިންގެ ބްރޭންޑަޑް ބޭހެއް ނަމަ، ހާއްސަ ސަބަބެއް އޮންނަންޖެހޭނެ
- އަސާސީ އަގަށްވުރެ ބޮޑު ނަމަ، އެ މިންވަރު އަމިއްލަ ޖީބުން ދައްކަންޖެހޭނެ
ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތާއެކު އަސާސީ ހުރިހާ ބޭސް ރާއްޖެއިން ލިބުން ކަށަވަރު ކުރުމަކީ މި ސިޔާސަތުގެ އެންމެ މުހިންމު ބައެވެ.
މި ސިޔާސަތުގައިވާ ގޮތުން މި ސިޔާސަތަށް އަމަލުކުރަން ފެށުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ސީދާ ބޭސް އުފައްދާ ކުންފުނިން ބޭސް ގަންނަން ލިބި އާންމުންނަށް ބޭސް ވިއްކާ އަގު ކުޑަކުރެވެ އެވެ. އަދި ފެންވަރު ރަނގަޅު ބޭސް ބަލިމީހާއާ ހަމަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރެވެ އެވެ.
މީގެ އިތުރުން ބޭހުގެ އަގު ކޮންޓްރޯލްކުރެވި ބޭސް ގަންނަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ހުރި ގޮންޖެހުންތައް ކުޑަކުރެވެ އެވެ.
މި ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ބޭހުގެ ވިޔަފާރިން ބޮޑެތި ފައިދާ ލިބެމުންދާ މީހުން މި ސިޔާސަތާ ދެކޮޅުވުމާއި ޑޮކްޓަރުން މި ނިޒާމަށް އަހުލުވެރިކުރުވާ ބޭހާއި ނިޒާމާ މެދު އިތުބާރު އުފެއްދުމާއި އާންމުން ބޭހާމެދު ހޭލުންތެރިކުރުވާ އިތުބާރު އުފެއްދުން ހިމެނެ އެވެ.