އާސަންދަ

ފޯމުން ނުލިބޭ އާސަންދަ ހިދުމަތް ފޯނުން ލިބުން

Sep 7, 2022
1

ޖެނުއަރީ 2012 ވަނަ ދުވަހަކީ ދިވެހި ސަރުކާރުން ދިވެހި ނިކަމެތި ރައްޔިތުން ހިނިތުންކޮށްލި ދުވަހެކެވެ. އާސަންދަ އިންޝުއަރެންސް ސްކީމް ތައާރަފްވި ދުވަހެވެ. އާސަންދަ އިންޝުއަރެންސް ސްކީމް ތައާރަފްވުމުގެ ކުރިން ބޭސް ފަރުވާއަށް ސަލާމް ޖެހުމަކީ ދިވެހި ސަގާފަތެކޭ ދެންނެވި ނަމަވެސް ގޯހަކަށް ނުވާނެ އެވެ. އަދި ހުމާ ފިހިފިހި އޮންނަ ކުޑަ ދަރިފުޅަށް ޕެނެޑޯލް ގުޅައެއް ފެނަށް ގިރުވާލައިފައި ދަރިފުޅުގެ އަރުތެރެއަށް އަޅާލުން ނޫން އެހެން ގޮތެއް އޭރު ނެތިފައި ތިބި އެތައް މަޔަކާއި ބަފަޔަކު ތިއްބެވެ.

އާސަންދަ އިންޝުއަރަންސް ސްކީމްގެ ކުރިން ތައާރަފް ކުރެވުނު "މަދަނަ" ސްކީމަކީ ފައިސާ ދައްކައިގެން ބައިވެރިވާން ޖެހޭ ސްކީމަކަށް ވުމުން އެއިން އެއްވެސް ފައިދާއެއް ނުލިބި ތިބެން ޖެހުނު އެތަކެއް ރައްޔިތުންނެއް އޭރު ދިޔައީ ހަނާވަމުންނެވެ. ފަންސަވީސް ރުފިޔާ ނެތިގެން މާބަނޑުއިރު ޑޮކްޓަރަށް ނުދެއްކިފައި ތިބި ރައްޔިތުންވެސް ތިބުމަކީ ރާއްޖެ ފަދަ ގައުމެއްގައި ސަރުކާރުތައް ލަދުވެތި ވާންޖެހޭނެ ކަމެކެވެ.

އާސަންދަ އިންޝުއަރަންސް ސްކީމުން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް މުއްދަތު ހަމަނުވާ އައިޑީ ކާޑް ބޭނުންކޮށްގެން ހިލޭ ބޭސް ފަރުވާ ލިބޭނެ ވާހަކަ އޭރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމާ އުފާ ނުކުރާ ރައްޔިތަކު މަދުވާނެ އެވެ. މި އިންޝުއަރެންސް ސްކީމަކީ ހުރިހާ ރައްޔިތުންނަށް އެއްހަމަ އެއްގައި ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު އެހާމެ ބޭނުންތެރި ފިޔަވަޅެކެވެ. ނަމަވެސް މި ސްކީމްގައި އައުޓް ޕޭޝަންޓް ފަރުވާއަށް ކަނޑައެޅިފައި އޭރު އޮތީ އެންމެ 10،000 ރުފިޔާގެ ލިމިޓެކެވެ. އާސަންދަ ހުސްވެއްޖެ ކަމުގެ އެންގުން ތަކާއި އެކު އަނެއްކާވެސް ރައްޔިތު މީހާ އަށް ޖެހުނީ ބޭސް ފަރުވާ އަށް ސަލާމް ޖަހާށެވެ.

މިމައްސަލަ އަކީ ގައުމީ އިޖުތިމާއީ މައްސަލައެއްގެ ގޮތުގައި ދެކެވަޑައިގެން އާސަންދަ ސްކީމް އިތުރަށް ފުރިހަމަ ކުރަން 2013ގައި އިންތިހާބުވި ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމްގެ ސަރުކާރުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު "ހުސްނުވާ އާސަންދަ" އަށް "އާސަންދަ ސްކީމް" ބަދަލުކުރެއްވި އެވެ. މިބަދަލާ އެކު ކުރިން ކަނޑައެޅިފައިވާ ކޮންމެ އަހަރަކަށް އޮންނަ އެއް ލައްކަ ރުފިޔާ އުވާލައި، ކޮންމެ ރައްޔިތަކަށްވެސް ސްކީމްގެ ތެރެއިން ކަށަވަރުވާ ހުރިހާ ސިއްހީ ހިދުމަތްތަކެއް އެއްވެސް ލިމިޓަކާއި ނުލާ ބޭނުންކުރެވޭ ނިޒާމް ހަމަޖެހިގެން ދިޔަ އެވެ.

އަދި އާސަންދަ ސްކީމްގެ ދަށުން ކަށަވަރުނުވާ ގިނަ ހިދުމަތްތަކެއް ހުސްނުވާ އާސަންދައިގެ ދަށުން ކަށަވަރުކުރެވުނެވެ. މިގޮތުން އިމަޖެންސީ ހާއްލަތްތަކުގައި ބަލި މީހާ އެކި ތަންތަނަށް އުފުލުމުގެ ހަރަދާއި، 30 އަހަރުން މަތީގެ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕްގެ ހަރަދާއި މާބަނޑުވުމާއި ގުޅިގެން ހޯދާ ހުރިހާ ފަރުވާއެއްގެ ހަރަދާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ފުރާނައަށް ނުރައްކާވާ ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކުގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކަށަވަރުވެގެން ދިޔަ އެވެ.

ހުސްނުވާ އާސަންދަ ނިޒާމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހިދުމަތް ދިނުމަށް އޮންނަ ނިޒާމެކެވެ. ނަމަވެސް މި ހިދުމަތަކީ އޭގެ އެންމެ ފުރިހަމައަށް، ހަމަހަމަ އަށް ލިބެމުންދާ ހިދުމަތެއް ކަމަކަށް ނުދެންނެވޭނެ އެވެ. މިކަމުގައި އާންމު ރައްޔިތު މީހާއަށް ވަރަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތިލާން އަދިވެސް ޖެހޭ ކަމަކީ ވަރަށް ދެރަ ކަމެކެވެ.

އާސަންދައިން ޑަކްޓަރު ލިޔެދެއްވާ ބޭސް އާސަންދައިގެ ދަށުން ނުލިބުމާއި ޕްރައިވެޓް ހޮސްޕިޓަލް ތަކުން ނޫނީ ނުކުރެވޭ ބޮޑެތި އޮޕަރޭޝަން ތަކުގެ ހަރަދު އާސަންދަ އިން ފުރިހަމައަށް ކަވަރު ނުކުރުމާއި އާސަންދައިގެ ދަށުން ނުލިބޭ ހިދުމަތްތަށް ހޯދުމަށް ދެން ރައްޔިތު މީހާ އަނެއްކާވެސް ގަނަތެޅެން ޖެހޭ ކަމީ ހުރިހާ އެންމެން ދަންނަ އެކަމަކުވެސް އޭގެ ވާހަކަ ދައްކަން ބޭނުންނުވާ ވާހަކަ ތަކެކެވެ.

އާސަންދަ ކުންފުންޏަކީ މާޗް 1، 2015 ގައި ދިވެހި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ. ނަމަވެސް ސަރުކާރުން ވަނީ އިސްވެ ދެންނެވުނު މައްސަލަތައް އާސަންދަ ކުންފުނީން ރަނގަޅު ކުރުމަށް ނުކުޅެދިފަ އެވެ.

އާސަންދައިން ނުލިބޭ ހިދުމަތްތައް ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ އެންސްޕާ މެދުވެރިކޮށް ރައްޔިތު މީހާ އެހީ އަށް އެދި އެހީ ހޯދުމެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަކީ އާސަންދަ ކުންފުންޏަށް ވުރެން ދުވަސްވީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ އެޖެންސީ އެކެވެ. އެންސްޕާ ވުޖޫދަށް އައިސްފައިވަނީ 2007 ވަނަ އަހަރުއެވެ.

މި އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ގައުމީ، އިޖުތިމާއީ، ސިއްހީ އިންޝުއަރެންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖުތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.

މި އެޖެންސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ފަދަ މުހިންމު އެތަކެއް ޕްރޮގްރާމްތަކެކެވެ.

ހިތާމައަކީ އާސަންދަ ނުވަތަ އެންސްޕާގެ އެހީ ހޯދުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ރައްޔިތު މީހާ ހިނގައްޖެ ނަމަ ވަރަށް ގިނަ ގޮން ޖެހުންތަކަކާއި ކުރިމަތިލާން ޖެހޭކަމެވެ. އާންމު އުސޫލުން ކޮރަޕްޝަނާއި ނުލާ ކުރިއަށްދާ ރައްޔިތު މީހާ އަށް މިހާރުވެސް ޖެހެނީ ބޭސް ފަރުވާއަށް ސަލާމް ޖަހާށެވެ. މިގޮތުން ސަލާމް ޖަހާ ގޮތް ކުޑަކޮށް ކުރިއާ އަޅާ ބަލާ އިރު ތަފާތެވެ. ނަމަވެސް ހަމަ ކުރަން ޖެހެނީ އެއްކަމެކެވެ. އެއީ ސަލާމް ޖެހުމެވެ.

ފޯމް ލާފައި ޖަވާބު ހޯދަން ސަލާމް ޖަހަން ޖެހެ އެވެ. ބޭނުންވާ އެހީ އެންމެ ބޭނުންތެރި ގޮތުގައި ހޯދަން ސަލާމް ޖަހަން ޖެހެވެ. މިގޮތް ގޮތަށް ސަލާމް ޖެހުމަށް ފަހު އެދެވޭ ޖަވާބެއް ނުލިބުމުން ދެން ރައްޔިތު މީހާ ހިޔާރު ކުރަން ޖެހެނީ ގޯސް މަގެކެވެ. އެއީ އެމަގެއްގައި ކޮރަޕްޝަން އެކުލެވޭ މަގެވެ. މި ތަނުގައި ކޮރަޕްޝަން ކަމަށް މިލިޔަނީ އެއްވެސް ގޮތަކުން ފައިސާގެ ވާހަކައެއް ނޫނެވެ. ބާރާއި ނުފޫޒުގެ ވާހަކަ އެވެ. މިއީ ޒަމާނުއްސުރެ ދިވެހި ދައުލަތުގެ ތެރޭގައި ވާރުތަވަމުން އަންނަ ނުބައި އާދައެކެވެ.

ދަންނަވަން މިއުޅޭ ވަހަކަ އަކީ އާއިލާގެ މެމްބަރު އޮޕަރޭޝަން ތިއޭޓަރަށް ވައްދަނީ އާސަންދަ އާއި އެންސްޕާ އިން އެހީ އަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ހުށަހެޅުމަށް ފަހުގަ އެވެ. އަދި އެދިފައިވާ އެހީ އަކީ ދައުލަތުން ކަނޑައަޅާފައިވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަވާ، އެހީގެ ގޮތުގައި ލިބެންޖެހޭ އަސާސީ ހައްގުތަކެކެވެ. ނަމަވެސް އޮޕަރޭޝަން ތިއޭޓަރުން ޕޭޝަންޓް ވޯޑަށް ބަދަލުވާ ފަހުން ސަރުކާރުގެ އިދާރާތަކުން ޕޭޝަންޓްގެ އެހީތެރިޔާއަށް ގުޅައި އަންގަނީ އެދިފައިވާ އެހީ އެދުނު މިންވަރަށް ދެވެން ނެތް ވާހަކަ އެވެ. ހަހެއް ފަހެއް ނެތް ބޭންކް ތަކުގައި ސޭވިންގްސް ނެތް އާންމު ރައްޔިތު މީހާއަށް އެވަގުތު ގޮތް ހުސްވެ އެވެ. އަދި އިތުރު ގޮތެއް އޮތްތޯ ބެލުމަށް އެ މީހަކު ނިސްބަތްވާ ދާއިރާ އެއްގެ މަޖިލިސް މެމްބަރަށް ނުވަތަ ދަންނަ ކޮންމެވެސް ނުފޫޒުގަދަ ސިޔާސީ ބޭފުޅަކަށް ނުވަތަ ސަރުކާރުގެ ބާރުވެރި ފަރާތަކަށް ގުޅާލަ އެވެ. އަދި އާދޭހާއި އެކު ބޭސްފަރުވާގެ އެހީއަށް އެދި ސަލާމް ޖަހަން ފަށަ އެވެ.

ހިތާމައަކީ ރައްޔިތު މީހާ އެ ގުޅާލާ ނުފޫޒު ގަދަ އާރާއި ބާރު ސަރުކާރު ތެރޭގައި އޮތް ބޭފުޅަކު އެންސްޕާ ނުވަތަ އާސަންދަ އަށް ގުޅާލާ ފުރަތަމަ ކޯލުން އެހީ ހަމަޖެހިގެން ދިޔުމެވެ. މިފަދަ ފޯނު ކޯލެއް ކުރާނެ ނަންބަރެއް ނޭނގޭ މީހާއަށް އޮތީ މީސްމީޑިއާގައި އެހެން އާންމު ރައްޔިތުންގެ ކިބައިން ދީލަތި އެހީއަށް އެދި ސަލާމް ޖެހުމެވެ. މިފަދަ ކަންކަމުން ސަރުކާރާއި ދޭތެރޭގައި ހިތްކަޅުވެ ނުފޫޒުގަދަ ބޭފުޅުނަށް ސަނާ ކިޔުން އިތުރުވެގެން ދެއެވެ. އަދި ގައުމީ އިޖުތިމާއި ފޭރާންވެސް މަޑުމަޑުން ނަމަވެސް ދަނީ ވީދެމުންނެވެ.

މިފަދަ ކޮރަޕްޝަންގެ އަމަލުތައް އާސަންދަ އާއި އެންސްޕާގެ ނިޒާމުން ފޮހެލެވިއްޖެނަމަ މިފަދަ ނިޒާމުތަކަކީ އެންމެހައި ރައްޔިތުންގެ ހިތުގެ އަޑީން ގަބޫލުކުރާ ވަރަށް ފުރިހަމަ ނިޒާމުތަކަކަށް ބަދަލުވެގެން ދާނެ ނިޒާމުތަކެވެ. ދިވެހި ދައުލަތަށް ދިވެހީން ކުރާ އިތުބާރު ބޮޑުވެގެން ދާނެ ކަމެއް ކަމީ ޔާގީން ކަމެކެވެ. އަދި ރައްޔިތު މީހާގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ ސީދާ ރައްޔިތު މީހާއަށް އަސަރުކުރާ ސަރުކާރުގެ ޕްރޮޖެކްޓް ތަކަށް އޮންނަ އިތުބާރާއި ގައުމީ ފެންވަރުގައި ހިންގޭ ސޯޝަލް ޕްރޮޖެކްޓް ތަކުން އާންމު ރައްޔިތު މީހާ އަށް ސަރުކާރުން ފޯރުކޮށް ދޭން ވައުދުވާ ހިދުމަތް އޭގެ އެންމެ ފުރިހަމައަށް ރައްޔިތު މީހާ އަށް ލިބިގެންދާނެ ކަމީ ކަށަވަރު ކަމެކެވެ. ބޭނުން ވަނީ ކުޑަ ކުޑަ ހިތްވަރެކެވެ. ކެރޭ ހެޔޮލަފާ ރަނގަޅު ވެރިންނެވެ.


ލިޔުނީ: އާމިނަތު ޒީޝާން އަލީ