ހަބަރު

ސިއްހީ ދާއިރާ ރަނގަޅުުކުރަން އެސްޓީއޯ އާއި އާސަންދަ އަދި އެންސްޕާ ސޮއިކޮށްފި

Apr 5, 2016

ސިއްހީ ދާއިރާގެ ފެންވަރު މަތިކުރަން އެސްޓީއޯ އާއި އާސަންދަ ކުންފުނި އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޖުތަބާ ޖަލީލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަހީރެ އެވެ. މީގެ އިތުރުން އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުއްސަމަދު އެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މިހާރު ވެސް އެއްބާރުލުން ދެމުންގެންދާ ތިން ފަރާތުގެ ގުޅުން ބަދަހި ވެގެންދާނެ ކަމަށެވެ.

"މީގެ މަގުސަދަކީ ރާއްޖޭގެ ހެލްތް ސެކްޓާ ކުރިއެރުވުން. އެކަމަށް އެއްބާރުލުން ދިނުން،" ޝަހީރު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ މިއަދު އާސަންދަ ކުންފުންޏާއެކު އެސްޓީއޯ އިން ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ސާމާނު އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލް މެނޭޖުކޮށް ކުރިއަށް ގެންދާއިރު އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭނެ. އެކަމަށް އެއްބާރުލުން ލިބޭނެ،" ޝަހީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ ބޭސް ފިހާރަތަކުން އިތުރު ބޭސް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

"ބޭސް އެވޭލަބަލް ކޮށް، އަގުތައް ކޮންޓްރޯލްކޮށް، ބޭހަށް ކުރާ ހޭދަ ކުޑަކުރެވޭނެ ގޮތްތަކެއް ނެރެވޭނެ. މިހާރު މިއޮތީ ބޭސް ލިސްޓް ހެލްތް މިނިސްޓްރީ އާއި އެސްޓީއޯއާ އަޅުގަނޑުމެން ގުޅިގެން ނެރެވޭ އެއްޗަކަށް ހެދިފައި. މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ބޭހުގެ އަދަދު ގިނަވެގެންދާނެ،" މުޖުތަބާ ވިދާޅުވި އެވެ.