ޑރ. މުހައްމަދު މުއިއްޒު

ވޭޕް އެތެރެކުރުން މަނާކުރަން ނިންމައިފި

ރާއްޖޭގައި ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް މުއިއްޒު ނިންމަވާފައި މިވަނީ ރާއްޖޭގެ ހަތް ޖަމިއްޔާ އަކުން ގުޅިގެން އުފައްދާފައިވާ އެލަޔަންސް -- މޯލްޑިވްސް އެންސީޑީ އެލަޔަންސުންނާއި ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން އެކަން ކޮށްދިނުމަށް ރައީސްއަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ރައީސް މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.

"ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް އެންސީޑީ އެލަޔަންސުން ރައީސް އަށް ފޮނުވި ސިޓީއަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާއިރު ދުންފަތާއި ދުންފަތުގެ ބާވަތްތައް އެކަމަށް ވަރަށް ބޮޑަށް މަގުފަހިކުރާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ވަނީ އީ-ސިނގިރޭޓާއި ވޭޕް އަކީ ދުންފަތުގެ ބާވަތެއް ކަނޑައަޅާފަ އެވެ.

ޑަބްލިއުއެޗްއޯގެ ނިންމުމަށް އިޝާރާތްކޮށް އެލަޔަންސުން ބުނީ ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގައި ނިކޮޓިން ހުންނަ ވޭޕް އަދި އީ-ސިނގިރޭޓް އަދާކުރާ ދައުރެއް އޮތް ކަމަށެވެ. އެހެންވެ ވޭޕް އަދި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެ އެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅުވެ، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ މިންވަރު މަދުވެ އަދި ޒުވާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ އެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އެމެރިކާގެ ކެންސަ ސޮސައިޓީގެ ދިރާސާއަކާ ހަވާލާދީ ބުނެފައިވަނީ ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ބަޔާން ކުރާ 15 ޕަސެންޓް މައްސަލަތަކުގެ ތެރޭގައި ވޭޕް ހިމެނޭ ކަމަށެވެ. އަދި ވޭޕް ބޭނުންކުރާ މީހުންގެ ތެރެއިން 30 ޕަސަންޓް މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނިވެސް 19.7 މިލިއަން ރުފިޔާގެ ވޭޕް ރާއްޖެ އެތެރެކޮށްފައިވެ އެވެ. ވޭޕް އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށްވާތީ 50 ގައުމަކަށް ވޭޕް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވެ އެވެ.