\ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް މިއަދު ވަނީ ނިންމަވާފަ އެވެ.
އެގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގު ކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ނޮވެމްބަރު 1، 2025 ގައި އެ ގާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ނިންމެވި އެވެ.
ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ރައީސުލްޖުމްހޫރިޔާ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ހުޅުވާލެއްވި އެވެ. ނަމަވެސް ކެބިނެޓުން ޖެނެރޭޝަނަލް ބޭން ކަނޑައަޅަން ނިންމާފައި މިވަނީ އާންމުން ދިން ހިޔާލާ އެއްގޮތަކަށް ނޫނެވެ.