ޒުވާން ޖީލު ދުންފަތާ ދުރުކުރުމުގެ ޖެނެރޭޝަނަލް ބޭންގައި ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުންތައް އާންމުކޮށް ހިއްސާކުރައްވައިފި އެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެ ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވިދާޅުވީ ޖެނެރޭޝަނަލް ބޭންއާ ގުޅޭ ކެބިނެޓް ކަރުދާހެއް ދިރާސާކޮށް ތައްޔާރުކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
އެ ކަރުދާސް ތައްޔާރުކުރުމުގައި ޑޮކްޓަރުންނާއި އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯދުމަށް އިރުޝާދު ދެއްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގައި ރައީސް ހުށައަޅުއްވާ ގޮތްތައް
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
ރައީސް ވަނީ މި ތިން ގޮތް ހުށައެޅުއްވުމުގެ ސަބަބުވެސް ހާމަކުރައްވާފަ އެވެ.
އެގޮތުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.