ސިއްހީ ދާއިރާއަށް ކުރިން ހިދުމަތްކޮށްފައިވާ ހިދުމަތްތެރިން އަލުން މަސައްކަތަށް ނުކުމެވޭނެ ފުރުސަތު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިންނަށް އަލުން ފުރުސަތު ފަހިކޮށްދޭން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އަށް ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި އެގޮތުން މަސައްކަތްކުރާ ވަގުތަށް އުޖޫރަ ދޭން ސިވިލް ސާވިސް ގަވާއިދުގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އުމުރުން 55 އަހަރުން މަތީގެ ނުވަތަ ރިޓަޔާކޮށްފައިވާ މީހުންގެ ތެރެއިން ތައުލީމާއި ތަޖުރިބާ އަދި ހުނަރު ހުރި މީހުންނަށް ކޮންޓްރެކްޓް އުސޫލު ހަމަޖައްސަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.