ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާއާ އެކު ރުފިޔާ އިން ވިޔަފާރިކުރެވޭ ގޮތް ހަދަން އެއްބަސްވުމެއް

ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރުން ޗައިނާއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިފަދަ އެމްއޯޔޫއެއްގައި ސޮއި ކުރެވޭ ގޮތްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރެވިފައިވާތީ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގުތިސާދު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން ކުރެވުނު މުހިއްމު ކަމެއް ކަމުގައިވެސް ބުނެފައިވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއާއި ޗައިނާއާ ދެމެދު އަހަރަކު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެ އެވެ. މީގެއިތުރުން ޗައިނާއަކީ ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިންވެސް އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާ އިން ދެލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއާއި ޗައިނާ އިން ދެ ގައުމުގެ ފައިސާ އިން ވިޔަފާރި މުއާމަލާތްތައް ކުރެވޭ ގޮތަށް އެއްބަސްވުމެއް ހެދިއިރު ރާއްޖެއާއި އިންޑިއާ އާއި އެކު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައްވެސް ދެ ގައުމުގެ ފައިސާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.