ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ބޯޑަށް ކެބިނެޓް ސެކްރެޓަރީ އަހްމަދު އައްޔަންކުރަނީ

ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް އައްޔަންކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ބީއެމްއެލް އިން ކުރިއަށް އޮތް ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ތެރެއިން ހުސްކޮށް ހުރި ޑިރެކްޓަރު ކަމަށް ބޭފުޅުން އައްޔަންކުރާނެ އެވެ.

ސަރުކާރުން މީގެކުރިން ވަނީ ބީއެމްއެލްގެ ބޯޑަށް މުހައްމަދު ޝާހިދާއި އަލީ އިރުފާން އައްޔަންކުރަންވެސް ހުށަހަޅާފަ އެވެ. އަހްމަދު އަލީ ހަބީބައި މުހައްމަދު ޝާހިދަކީ ބ. އޭދަފުށްޓަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ޗާޓަޑް އެކައުންޓެއްޓެއް ކަމަށްވާ އަހްމަދު އަލީ ހަބީބް ވަނީ 2019 އިން 2021 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރު ކަމާއި 2006 އިން 2023 އަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފުރުއްވާފަ އެވެ.

ބީއެމްއެލް އިން މިއަހަރު ބާއްވާ ތިންވަނަ އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކުރި ފަރާތްތަކަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 ބޭފުޅުން ތިއްބަވާއިރު މީގެތެރޭގައި ހިމެނެނީ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ތިން ބޭފުޅަކާއި ސަރުކާރު އައްޔަންކުރާ 8 ބޭފުޅެކެވެ.

ބީއެމްއެލްގެ ބޯޑުގައި މިވަގުތު ޖުމްލަ 8 ބޭފުޅުން ތިއްބެވިއިރު ސަރުކާރުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުން ސަރުކާރާ ދެކޮޅަށް މާލީ "ބަޣާވާތެއް" ކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވައި ފުލުހުން އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ފެއްޓެވުމާ އެކު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ. އެކަމަކު އޭނާ މަގާމުން ވަކިވެވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ބާއްވާ އީޖީއެމްއަށް ފަހު އެވެ.