މިފްކޯ

މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލް ކުރާނެ މީހަކު ކަނޑައަޅަނީ

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާނެ މީހަކު އައްޔަންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށްޓަކައި މަސްވެރިން ތަމްސީލުކުރާނެ މީހަކު މިފްކޯގެ ބޯޑަށް އައްޔަންކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.

އެހެންވެ މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލްކުރާނެ މީހަކު މިވަގުތަށް ހިމެނުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަސްވެރިއެއް މިފްކޯ ބޯޑަށް އައްޔަނުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށްފަހު ރައީސް ނިންމެވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެހާ މަސްވެރިންގެ ޝާމިލުވުން ހިމެނޭ ގޮތަށް "މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީ" އެއް އެކުލަވާލުމަށް އެންމެ އެކަށޭނަ މޮޑެލްއަކާ ގުޅޭގޮތުން އެހެން ގައުމުތަކުގެ ތަޖުރިބާއާއި، ކަމާގުޅޭ އިތުރު ދިރާސާތަކުގެ އަލީގައި ކޮންސެޕްޓްތަކެއް އެކުލަވާލުމަށާއި، މަސްވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލައި މަސްވެރި މުޖުތަމައާ އެކު އެއްބަސްވުމަކަށް އައުމަށްވެސް ރައީސް ނިންމެވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިފްކޯ އޮތީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށްވާތީ މިފްކޯ އަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އަލުން ކަނޑައަޅުއްވާ މިފްކޯގެ ބޯޑަށް މިހާރު ވަނީ ބޭފުޅުން އައްޔަންކުރައްވާފަ އެވެ.